ރައީސް ޑރ. މުހައްމަދު މުއިއްޒު، ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ނިންމަވައި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ގާނޫނަށް ރައީސް އިސްލާހު ގެންނަވައިފިއެވެ.

މި އިސްލާހު ގެނައުމުގެ ބޭނުމަކީ، 2026 އެޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގެ ތާރީހަކީ ހިރިމަރަދޫގެ ރަށްވެހިން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ މަރުހަލާގެ ތެރޭގައި ހިމެނޭ ތާރީހަކަށްވާތީ، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 8 ވަނަ މާއްދާގެ (އ) ގައި، އިލެކްޝަންސް ކޮމިޝަނުން ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އެކުލަވައިލާއިރު، މީހުން ދިރިއުޅޭ އެއްވެސް ރަށެއް، ފަޅުރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައި، އެ ރަށުގެ ރަށްވެހިން އެހެން ރަށަކަށް ބަދަލުކުރާ ހާލަތުގައި، އެފަދައިން ބަދަލުވީ ރަށުގެ ރަށްވެހިންގެ އިންތިހާބީ ދާއިރާ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބަލަންވާނީ އެ މީހުން އަލަށް ބަދަލުކުރެވުނު ރަށްކަމަށް ބަޔާންކޮށްފައިވާތީ، ހިރިމަރަދޫގެ ރައްޔިތުންގެ އިންތިހާބީ ދާއިރާއަކީ އެ އަތޮޅުގެ ހަނިމާދޫކަމުގައި ބެލުމަށް މަގުފަހިކޮށްދިނުމެވެ.

އެގޮތުން ރައީސް އިއްޔެ އެކަށައެޅުއްވި ގަރާރު ނަންބަރު 36/2025 އާއެކު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސްއަށް ލިބިދޭ ބާރުގެ ދަށުން، ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމުން، ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫއަކީ މީހުން ދިރިއުޅޭ ރަށެއް ނޫންކަމަށް ކަނޑައެޅުއްވުމަށް ނިންމަވައި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅައިފައިވާ ރައީސްގެ ގަރާރުގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުން ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ އުނިކޮށް، އެ ލިސްޓު އަދާހަމަކޮށް، ގަރާރުގެ ޖަދުވަލެއްގެ ގޮތުގައި އެ ލިސްޓު ވަނީ ހިމަނުއްވާފައެވެ.

މި އިސްލާހަށް އަމަލުކުރަން ފަށާނީ، ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމާއެކު، އެ ކަން ސަރުކާރުން އާންމުކޮށް އިއުލާނުކުރާ ތާރީހުން ފެށިގެންނެވެ.