ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް ދެވަނަ އިސްލާޙް ގެނައުމުގެ ބިލު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ، މި އަހަރުގެ އޮކްޓޫބަރު 19 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 24 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ގާނޫނަށް ގެނެވުނު މައިގަނޑު އިސްލާހުތަކުގެތެރޭގައި ހިމެނެނީ، ގާނޫނީ ވަކީލުންގެ ސުލޫކީ މައްސަަލަތައް ބެލުމުގައި ބާ ކައުންސިލުން އަމަލުކުރާނެ ގޮތްތައް ކަނޑައެޅުމާއި، ބާކައުންސިލްގެ ބަޖެޓާއި، މާލީ ކަންކަން ބަލަހައްޓާނެ ގޮތް ކަނޑައަޅައި ބަޔާން ކުރުމާއި، ގާނޫނީ ވަކީލު ކަމުގެ ހުއްދައަށް އެދި ހުށައަޅާ ފަރާތްތަކުން ފުރިހަަމަކުރަންޖެހޭ ތަމްރީން ޕްރޮގްރާމާއި ގުޅޭ އިސްލާހުތަކެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ 31 ވަނަ މާއްދާގެ (ރ) އަދި (ބ) އާއި، 1-31 ވަނަ މާއްދާގެ (ބ) އުނިކޮށް، މި ގާނޫނުގެ 53 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް ވަނީ އިތުރުކުރެވިފައެވެ.

ރައީސް ސޯލިހު މި ބިލު ތަސްދީގު ކުރެއްވުމާ ގުޅިގެން ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ޤާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައެވެ.