ދަރުމަވަންތަ ހޮސްޕިޓަލުގެ ނޭޝަނަލް ފަރޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެރިކޮށް، ރާއްޖޭގެ ދެމަފިރިއަކަށް ފުރަތަމަ ފަހަރަށް ކާމިޔާބު ކަމާއެކު ދަރިއަކު ލިބިއްޖެއެވެ.
މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް މިކަން ހާމަކުރައްވައި، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ޚަބަރު އޭނާ އެއްސެވީ ނުހަނު އުފަލާއެކު ކަމުގައެވެ.
”الحمد لله. މާތް ﷲގެ މިންވަރުފުޅާއެކު ލިބުނު މި ތާރީހީ ކާމިޔާބީއަކީ ރާއްޖޭގައި ދަރިމައިވުމުގެ ސިއްހަތާގުޅޭ ފަރުވާ ހޯދަމުންދާ އާއިލާތަކަށް ލިބުނު އުއްމީދެއް. މި ފުރުސަތުގައި، މި މަސައްކަތުގައި ޝާމިލްވި މި ހޮސްޕިޓަލުގެ ނޭޝަނަލް ފަރޓިލިޓީ ސެންޓަރުގެ ޓީމަށާއި އެޓީމަށް ތަފާތު ގޮތްގޮތުން އެހީތެރިވި އެހެނިހެން ޑިޕާޓްމަންޓުތަކަށް ޝުކުރާއި މަރުހަބާ ދަންނަވަން.“ ހަލީމް ވިދާޅުވިއެވެ.
ހަލީމް ވިދާޅުވިގޮތުގައި އައިވީއެފްގެ ހިދުމަތް ހޯދުމަށް ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހުމަކީ، މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ދިވެހި އާއިލާތަކަށް އުފުލަމުންދިޔަ ބޮޑު ތަކުލީފެއް ކަމަށެވެ.
މިކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ގައި ރަސްމީކޮށް އެމަނިކުފާނު ހުޅުވައިދެއްވި ނެޝަނަލް ފަރޓިލިޓީ ސެންޓަރަކީ، ދިވެހި އާއިލާތަކަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއްކަން ޔަގީން ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”މި މުހިންމު ހިދުމަތް ފަށްޓަވައި، ރާއްޖޭގައި މި ހިދުމަތް މުޅިން ހިލޭ ލިބޭނެގޮތް ހަމަޖައްސަވައިދެއްވައި، ރައްޔިތުންގެ ތަކުލީފުތަކަށް ނިމުމެއް ގެނެސްދެއްވި ކަމަށްޓަކައި އެމަނިކުފާނަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން.“ ހަލީމް ވިދާޅުވިއެވެ.
ދަރިމައިވުމުގެ ސިއްހަތާގުޅޭ ފަރުވާތަކަކީ، ދިވެހި އާއިލާތައް ބިނާކޮށް، ދުޅަހެޔޮ މުޖުތަމައުއެއް ގާއިމުކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި އަސާސީ ހިދުމަތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރައީސް މުއިއްޒު މީގެ ކުރިން ވަނީ ވަރަށް ގިނަ ދިވެހި ރައްޔިތުންގެ ހިތްދަތިކަމާ ގުޅިފައިވާ ޞިއްޙީ އަނެއް މައްސަލައަކީ، ދަރިމައިނުވުމުގެ މައްސަލަކަން ފާހަގަކުރައްވައި، ދަރުމަވަންތަ ހޮސްޕިޓަލުގައި އައިވީއެފްގެ ހިދުމަތް ފެށިގެންދިޔަކަން ފާހަގަކުރައްވައިފައެވެ.
މީގެއިތުރުން އެންޑޯމެޓްރިއޯސިސް އަދި ޕެލްވިކް ކްލިނިކުގެ ނަމުގައި އައިޖީއެމްއެޗްގައި ކްލިނިކެއް ގާއިމުކޮށް، އެ ހިދުމަތްވެސް ފޯރުކޮށްދެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމަމިއާއެކު، ”އެންޑޯމެޓްރިއޯސިސް“ އަދި ”ޕީސީއޯއެސް“ގެ ފަރުވާ، އާސަންދަ ސްކީމުން ލިބޭނެ އިންތިޒާމު މިހާރު ވާނީ ހަމަޖައްސައިފައިވާއިރު، އައިޔޫއައި އަދި އައިވީއެފްގެ ފަރުވާތައް ލިބޭނެ އިންތިޒާމު ހަމަޖައްސައި، އައިވީއެފް އާއި އައިޔޫއައިގެ ފަރުވާގެ އެހީ 105 ފަރާތަކަށް ހަމަޖެހި، 84 ފަރާތެއް މި ހިދުމަތް ހޯދަން ފަށާފައިވާކަން ވެސް ރައީސް ކުރިން ފާހަގަކުރައްވައިފައިވެއެވެ.

