ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، 40 މީޑިއާއަކަށް ދައުލަތުން ފައިސާ ދޫކޮށްފައިވާ ކަމަށް ޔޫތް އެމްޕަވަރމަންޓް އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ، މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމަށްޓަކައި މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އިން އެކުލަވާލި އުސޫލުގެ ދަށުން ޝަރުތު ހަމަވި 40 މީޑިއާއަކަށް ޖުމްލަ 27,295,532.69 ރުފިޔާ ވަނީ ދޫކޮށްފައެވެ.

މި ފައިސާ ޖަމާކޮށްދީފައިވަނީ މާލީ ކަންކަމާއި ތަރައްގޫގެ ރޭވުންތެރި ކަމާބެހޭ ވުޒާރާ މެދުވެރިކޮށް ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް މިފަދަ އެހީއެއް ދިނުމުގެ މައިގަނޑު މަގްސަދަކީ އަމިއްލަ މީޑިއާތައް ބާރުވެރި ކުރުވައި، ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަށް މަގުފަހިކޮށްދިނުމެވެ.

މިއީ ނޫސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް، މީޑިއާތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.