ގަލޮޅު ސިޓީ ޕާކު އަލުން ހުޅުވައިފި، މޭޔަރު ވިދާޅުވީ މިއީ ބޮޑު އުފަލެއް ކަމަށް
10 އަހަރު ވަންދެން ބަންދުކޮށްފައި އޮތް ގަލޮޅު ސިޓީ ޕާކު އަލުން ތަރައްގީކުރުމަށްފަހު ހުޅުވައިފިއެވެ. މި ޕާކު ހުޅުވައިފައި ވަނީ އިއްޔެ ހަވީރުއެވެ.

މާލޭ ސިޓީ ކައުންސިލުން އިއްޔެ ބުނީ، ގަލޮޅު ސިޓީ ޕާކު އަލުން ހުޅުވީ ތުރީ-އޮން-ތުރީ ބާސްކެޓްބޯޅަ ކޯޓަކާއި، ބެޑްމިންޓަން ކޯޓަކާއި، އައުޓްޑޯ ޖިމަކާއި، ކުޑަކުދިން ކުޅޭނެ ޖާގައެއް އަދި މީހުންގެ ގޮސް އެ ޕާކުގައި މަޑުކޮށްލައިގެން ތިބެވޭނެ ޖާގަތައް ހިމަނައިގެން ކަމަށެވެ.

މިކަމާ ގުޅިގެން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، 10 އަހަރުވަންދެން، ވަށައިގެން ޓިނު ޖަހައި ބަންދުކޮށްފައި އޮތް، ގަލޮޅު ސިޓީ ޕާކު 2024 ވަނަ އަހަރު އަލުން ޑިޒައިން ކޮށް ވަރަށް ފުރިހަމައަށް ހަދައި، ހުޅުވިގެން ދިއުމަކީ، އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
”އަދި ކާމިޔާބުކަމާއެކު، ރޭވި ގޮތަށް، މި މަސައްކަތް ނިމުނު ކަމަށް ޓަކައި اللهއަށް ހަމްދު ކުރަން. ސިޓީ ޕާކު އަލުން ހަދައި މި އަދު މި ހުޅުވުނީ، ބެޑްމިންޓަން ކޯޓަކާއި، ތްރީއޮންތްރީ ބާސްކެޓް ބޯޅަ ކޯޓަކާއި އެކި ޢުމުރުފުރައިގެ މީހުން ކަސްރަތު ކުރާނެ ތަނަކާއި، ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލާނެ ޖާގައާއި، ކުޑަކުދިން ކުޅުމަށް ހާއްސަ ސަރަޙައްދަކާއި އަދި އެކި ކަހަލަ އިވެންޓްތައް ބާއްވާނެ ތަނަކާއެކު، ވަރަށް ގިނަ ގޮތްގޮތަށް، ރައްޔިތުންނަށް ބޭނުންހިފޭނެ ގޮތަކަށް ޑިޒައިންކޮށްގެން. “ އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، މާލެ ސިޓީގެ މޭޔަރުކަމުގައި އޭނާ ހޭދަކުރި މުއްދަތުގައި، އަޅުގަނޑުގެ މަސައްކަތުގެ މައިގަނޑު އެއް އަމާޒަކީ، ޖާގަ ލިބެން އޮތް އެންމެ މަތީ މިންވަރަކަށް، މި ފަދަ ހިތް ފަސޭހަ މައިޒާންތައް މާލެ ސިޓީގައި ގާއިމްކޮށް، ރައްޔިތުންނަށް އުފާވެރިކަން ގެނެސް ދިނުން ކަމަށެވެ.
މި ޕާކު ބޭނުންކުރާ ހުރިހައި ފަރާތްތަކުން ޕާކު ރީތިކޮށް ބޭއްވުމަށް މަސައްކަތްކޮށް ކޮށްދިނުމަށް އެދޭ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.