ފުޅާދާއިރާއެއްގައި ވޭޕްގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ، ގ. ވައިޓްރޯސް، ނުހާމް މުހައްމަދު ޝިޔާން (25އ) އެވެ.
ހުޅުމާލެ ފުލުހުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ އެޕާޓްމަންޓް ވަނީ ބަލައިފާސްކޮށްފައެވެ.
މި ފާސްކުރުމުގެ ތެރެއިން ގިނަ އަދަދެއްގެ ނެނޯ ކާޓްރިޖްއާއި، ވޭޕް އަދި ޕޮޑް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން އެ ތަނުން ގިނަ އަދަދެއްގެ ފައިސާވެސް ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން ނުހާމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

