ހުއްދަ ނެތި ހުޅުމާލޭ ފަޅުތެރޭގައި ފައިބަރު މަސައްކަތް ކުރުމަކީ މަނާ ކަމެއް ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެ ކޯޕަރޭޝަނުން މިއަދު ނެރުނު އިއުލާނެއްގައި ވިދާލުވި، ހުޅުމާލޭގެ ފަޅުތެރޭގައި، އޮޑިދޯނިފަހަރުގައި ފައިބަރުގެ މަސައްކަތް ކުރަމުންދާކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާ ކަމަަށެވެ.

މިއީ ތިމާވެެއްޓަށާއި ފަޅުތެރެ، ބޭނުންކުރާ އެހެނިހެން ފަރާތްތަކަށް، އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމަކަށްވާތީ، ހުޅުމާލޭ ފަޅުތެރޭގައި، ފައިބަރުގެ އެއްވެސް މަސައްކަތެއް ކުރުމަކީ، މަނާކަމެއް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އެހެންވެ، ހުޅުމާލޭގެ ފަޅުތެރޭގައި، މިފަދަ މަސައްކަތްތައް ކުރަމުންދާ ނަމަ އަންނަ އާދިއްތަ ދުވަހުގެ ރޭގަނޑު 00:00 ކުރިން އެ މަސައްކަތް ހުއްޓާލުމަށް، ނުވަތަ މިފަދަ މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދަކަށް ބަދަލުކުރުމަށް ވެސް އެޗްޑީސީން ވަނީ އަންގާފައެވެ.

ހަމައެހެންމެ، އެ މުއްދަތުގެ ކުރިން މިފަދަ މަސައްކަތްތައް ހުއްޓާލާފައި ނުވާނަމަ މެރިން ޕޮލިސް އާއި ކަމާގުޅުންހުރި އެހެނިހެން، އިދާރާތަކާ، ގުޅިގެން އެކަންކަން ހުއްޓުވުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.