އަންނަ އޭޕްރީލު މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮބްޒާވުކުރަން ބޭނުންވާ ބޭރުގެ އޮބްޒާވަރުންނާއި މޮނީޓަރުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ބޭރުގެ ފަރާތްތަކަށް އިންތިހާބު ކަވަރުކުރުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު މިއަދުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކަށާއި ބޭރުގެ އެހެނިހެން ފަރާތްތަކާއި ވަކިވަކި ފަރުދުންނަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބު އޮބްޒާވްކުރުމަށް ހުށަހަޅަންވާނީ އުމުރުން 18 އަހަރުވެފައިވާ މީހުން ކަމަށެވެ.

އަދި އޮބްޒާވަރުންނާއި މޮނިޓަރުން އެއްވެސް ކެންޑިޑޭޓަކަށް ނުވަތަ ވަކި ސިޔާސީ ޕާޓީއަކަށް ކެމްޕެއިން ކޮށްދީގެން ނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މި އިންތިހާބުގައި ކައުންސިލްތަކުގެ ޖުމުލަ 225 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރާނެއެވެ.

އެއީ ލޯކަލް ކައުންސިލްތަކަށް 678 މެންބަރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށްވެސް 678 މެންބަރުންނެވެ. އެހެންކަމުން މިފަހަރުގެ އިންތިހާބުގައި ޖުމުލަ 1356 މެންބަރުން އިންތިހާބު ކުރާނެއެވެ.