ޕާކިސްތާނުގެ ކަރާޗީގެ ގުލް ޕްލާޒާގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ގައުމުގެ ބޮޑުވަޒީރު މުޙައްމަދު ޝާހްބާޒް ޝަރީފަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މި ތައުޒިޔާގެ މެސެޖުގައި ރައީސް ވަނީ، އެ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކުގެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާކަމަށް ވިދާޅުވެ، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ޕާކިސްތާނުގެ ބޮޑުވަޒީރަށާއި، ސަރުކާރަށާއި ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފާޅުކުރައްވާފައެވެ.
އަދި ހިތާމައިގެ މި ދަނޑިވަޅުގައި، ހާދިސާގައި ޒަހަމްވެފައިވާ މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، ހާދިސާއިން ލިބުނު ގެއްލުމުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

