ދިވެހި ވަތަނީ ހިދުމަތުގެ ބައިވެރިންނަކީ ދީނުގެ ރުކުންތަކަށާއި އިސްލާމީ ޝިއާރުތަކަށް ލޯބިޖެހިފައިވާ، ގައުމިއްޔަތުގެ ރޫހާއި ފަހުރު ދިރުވާ އާލާކުރުމަށް ޝައުގުވެރިވާ، އަހުލާގާއި ސުލޫކު ރަނގަޅު، ޒިންމާދާރު ބަޔަކަށް ހެދުމަށް ވަރަށް ބޮޑު އިސްކަމެއް ދެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދިވެހި ވަތަނީ ހިދުމަތުގެ ދެވަނަ ބުރުގެ ބައިވެރިން ޅ. މާފިލާފުށްޓަށް މިއަދު ފުރުމާއި ގުޅުވައި އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
މި މެސެޖުގައި، ރައީސް ވަނީ މި ތަމްރީނުގައި ބައިވެރިވާ ހުރިހާ ބައިވެރިންނަށްވެސް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
ރައީސްގެ މެސެޖުގައި، މި ގައުމުގެ މުސްތަގުބަލު ކަމުގައިވާ ދިވެހި ޒުވާނުންނަށް ފަހި ކުރިމަގެއް ކޮށައިދިނުމުގެ މަތިވެރި މަގްސަދުގައި ސަރުކާރުން ފެށި ދިވެހި ވަތަނީ ހިދުމަތުގެ ދެވަނަ ބުރުގެ ފެށުން ބައިނަލްއަގްވާމީ ތައުލީމީ (އިންޓަރނޭޝަނަލް ޑޭ އޮފް އެޑިއުކޭޝަން) ދުވަހުގައި ފެށިގެން ދިއުމަކީ ހާއްސަ އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.
މި ބުރުގައި ބައިވެރިވާ 350 ޒުވާނުން ތިން މަސްދުވަހަށް ކުރިއަށް ގެންދާ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިން ފުރިހަމަކުރާނެއެވެ.
ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނުތަކަކީ، ދިވެހި ގައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތާއި، ލީޑަރޝިޕާއި، ފަސްޓްއެއިޑާއި، ފަޔަރފައިޓިންގ އާއި، ހަށިހެޔޮކަމާއި، ފެތުމާއި މޫދަށް އަހުލުވެރި ކުރުވުމާއި، ފީލްޑް އެކްޓިވިޓީތަކުގެ އިތުރުން ޝައުގުވެރި އަދި ބޭނުންތެރި ތަފާތު އެހެނިހެން އެތައް ހަރަކާތްތަކެއް އެކުލެވޭގޮތަށް ކުރިއަށް ގެންދާ ތަމްރީނެކެވެ.
ރައީސްގެ މެސެޖުގައި، މި ތަމްރީނުގެ މުއްދަތުގައި، މި ޒުވާނުންގެ ހިތްތަކުގައި ދީނުގެ ރުކުންތަކަށާއި އިސްލާމީ ޝިޢާރުތަކަށް ލޯބި އިތުރުކޮށް، މި ޒުވާނުންނަކީ ގައުމިއްޔަތުގެ ރޫހާއި ފަހުރު ދިރުވާ އާލާކުރުމަށް ޝައުގުވެރިވާ، އަހުލާއި ސުލޫކު ރަނގަޅު، ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ބަޔަކަށް ހެދުމަށް ވަރަށް ބޮޑު އިސްކަމެއް ދެވޭނެ ކަމުގައި ވިދާޅުވިއެވެ.
އަދި މި ޒުވާނުންނަކީ، ރޫހާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ އަދި ހަށިހެޔޮ ބަޔަކަށް ވެގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

