މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތުގައި ނ. ހޮޅުދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ނ .ހޮޅުދޫ / އަފުސަންތީނު، މުޙައްމަދު ޒިޔާދު (45އ)އެވެ.

މީނާ ހައްޔަރުކޮށްފައި ވަނީ ހޮޅުދޫގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.

ފުލުހުން ބުނީ، މި މަހުގެ 25 ވަނަ ދުވަހު ހޮޅުދޫ ޕޮލިސް ސްޓޭޝަނުން ހިންގި މި އޮޕަރޭޝަނުގައި އެ ރަށު މަގުމަތިން ޒިޔާދު ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތް ކަރުދާސްކޮޅު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.