އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ ޗާންސެލަރުކަމުގެ މަގާމުން ޑރ. މުހައްމަދު ޒާހިރު ހުސައިން އިސްތިއުފާދެއްވައިފިއެވެ.

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ، ޒާހިރު މަގާމުން އިސްތިއުފާ ދެއްވަން ހުށަހެޅުއްވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާއާ ބައްދަލުކުރައްވައި މަގާމުގައި ހުންނަވައިގެން ކޮށްދެއްވި ހިދުމަތަށް ޝުކުރު އަދާކުރައްވައިފައެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ޒާހިރުއާ ބައްދަލުކުރައްވައި ރައީސް ވަނީ ރާއްޖޭގެ ތައުލީމީ ދާއިރާގެ ކުރިއެރުމަށާއި ތަރައްގީއަށް ވަރަށް އިހުލާސްތެރިކަމާއެކުގައި މިންނެތް މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެއްކަން ފާހަގަކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި ސަރުކާރުން އޭރު ފެއްޓެވި އަސާސީ ތައުލީމުގެ މަޝްރޫއު ހިންގަވައިދެއްވުމުގައްޔާއި ރާއްޖޭގެ އަތޮޅުތަކުގައި ކޮމިއުނިޓީ ސްކޫލުތަކާއި އަތޮޅު މަދަރުސާތައް ބިނާކުރައްވައި، ތައުލީމީ ރޮނގުން ރަށްރަށުގެ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރަން ޒާހިރު ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި ރައީސް ތައުރީފު ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުކުރެއްވުމުގައި ޒާހިރު ވިދާޅުވީ އައިޔޫއެމްގައި ހިދުމަތް ކުރެއްވުމަކީ، އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއް ކަމަށާއި މި ސަރުކާރުން ވެސް އެ ފުރުސަތު ދެއްވީތީ ރައީސަށް ޝުކުރު ދަންނަވާ ކަމަށެވެ.

އަދި ރާއްޖޭގެ ތައުލީމީ ނިޒާމު ހަރުދަނާ ކުރައްވައި، ފެންވަރު މަތިކުރެއްވުމަށް ރައީސް އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ޒާހިރު ވަނީ ތައުރީފު ކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.