ސްރީލަންކާގެ ހާލަތަށް ނުގޮސް، ދިވެހި ގައުމު ސަމާލަތް ކުރެވުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ހަރުދަނާ ސިޔާސަތުގެ ސަބަބުން ކަމަށް ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު މިހެން ވިދާޅުވީ، އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ގދ. ތިނަދޫ ސިޓީ ކައުންސިލަށް ޕީއެންސީގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓުންގެ ކެމްޕެއިން ފެށުމަށް އެ ރަށުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެމްޑީޕީން ރާއްޖޭގެ ވެރިކަމާ ހަވާލުވީއިރު، މި ގައުމު އޮތީ، އިގްތިސާދީ އަނދަވަޅަކަށް ވައްޓައިލައިފައެވެ. އެ އަނދަވަޅުން ގައުމު ސަލާމަތް ކުރެވުނީ، ރައީސް މުއިއްޒުގެ ހަރުދަނާ ސިޔާސަތުގެ ސަބަބުން ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.

”އެކަމަށްޓަކައި، އަޅުގަނޑުމެން އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް، ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންގެ ނަމުގައި، ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން.“ ފަލާހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފާއިތުވި ދެ އަހަރުގެ ތެރޭގައި، ރައީސް މުއިއްޒު ދިވެހި ގައުމު ހިންގަވާފައިވަނީ، ވެރިޔަކު ގައުމާ ދޭތެރޭގައި ގެންގުޅުއްވާނެ އެންމެ ރަނގަޅު ތަސައްވުރާއެކުގައި ކަމަށެވެ.

އެގޮތުން ސަރުކާރުން ގެންދިޔައީ، ދަރަނިތައް ދައްކަން ޖެހޭ ދުވަހަށް ދައްކަމުން، ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތައް ވެސް ފުރިހަމަ ކޮށްދެއްވަމުންކަން ފަލާހުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.