އޮޕަރޭޝަން އަލިމަގުގެ ދަށުން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދިންގޮތުގައި، މިދިޔަ މަހުގެ 31 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ ގޭންގު ކްރައިމް ސަޕްރެޝަންއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ލ. ހިތަދޫ / ހަފުލާ، ޢަލީ މުފާވިޒް (21އ)އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.

އޭނާ ހައްޔަރުކޮށް، މާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 614 ގުރާމްގެ ތަކެއްޗާއި 125،000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ޢަލީ މުފާވިޒްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.