މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފްރަންޓް އޮފީހެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.
ހުޅުމާލޭ ޖަލު ސަރަހައްދުގައި ހަދާފައިވާ އެ އޮފީސް މިއަދު ހުޅުއްވައި ދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނެވެ.
އެ ރަސްމިއްޔާތުގައި ކޮމިޝަނަ އޮފް ޕްރިޒަންސް ހަސަން ޒަރީރާއި ކަަރެކްޝަންސް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ ވިދާޅުވީ ހުޅުމާލޭގައި ހުޅުވި ކަރެކްޝަންސްގެ ފްރޮންޓް އޮފީހުގެ ސަބަބުން ރައްޔިތުންނަށް ކަރެކްޝަންސްއިން އެ އިދާރާ އިން ފޯރުކޮށްދޭ ހުރިހާ ގުދުމަތެއް އެއް ތަނަކުން ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށާއި، ކަރެކްޝަންސް ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއި އެ ގައިދީންގެ އާއިލާތަކަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ވީހާ ވެސް ގާތުން ފޯރުކޮށްދެވޭނެ ކަމަށެވެ.
އަދި މިކަމުގެ ސަބަބުން ގިނަ ރައްޔިތުންތަކަށް ގައިދުވެފައިވާ އާއިލާތަކާއި ރަހުމަތްތެރިންނަށް އިދާރީ ގޮތުން ބާއްވަންޖެހޭ ގުޅުން އަދި ކަންކަމުގައި އިދާރާގެ ފަރާތުން ހޯދަންޖެހޭ ގިދުމަތްތައް ލިބުން ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މިއީ މި ސަރުކާރުގެ މޯލްޑިވްސް 2.0 ސިޔާސަތުގެ ދަށުން ހިދުމަތްތައް ޑިޖިޓަލައިޒްކުރެވި، ހިދުމަތްތަކަށް ފަސޭހަކަމާއެކު ރައްޔިތުންނަށް އެކްސެސް ކުރެވިގެންދާނެ ވަން ސްޓޮޕް ތަނެއް ކަމަށެވެ.
ކަރެކްޝަންސްގެ ފްރަންޓް އޮފީހުން ކުށުގެ ރިކޯޑް ސާފުކޮށް ދިނުމާއި ރިސެޕްޝަނަށް ލިބޭ ސިޓީ، މެސެޖް، ފޯމު ފަދަ ލިޔުންތައް ބަލައިގަނެ، ކަމާބެހޭ ސެކްޝަންތަކާއި ޑިވިޝަން އަދި ކޮމާންޑްތަކާ ހަވާލުކޮށް، ރެކޯޑް ބެލެހެއްޓުމައި މައުލޫމާތު ހޯދަން ދާ މީހުންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށް ދޭނެއެވެ.
އަދި ގައިދީންނާއި ބަންދުގައި ތިބޭ މީހުންގެ އަންނައުނު ބަލައިގަތުމުގެ އުސޫލާ އެއްގޮތަށް ކޮންމެ ހަފުތާއެއްގެ އާދީއްތަ އަދި އަންގާރަ ދުވަހު އާއިލާތަކުން ގެންދާ އަންނައުނު ބަލައިގަންނާނެއެވެ.

