ހިތަދޫ ވިޔަފާރި ބަނދަރުގައި ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީ ފްރީކޮށް ބަހައްޓައި، ބޮންޑެޑް ޒޯންގެ ހިދުމަތް ގާއިމްކުރުމާ ގުޅޭ އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ދެމެދު ސޮއިކޮށްފިއެވެ.
އައްޑޫ ހައި ސްކޫލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އިކޮނިމިކް މިނިސްޓްރީގެ ފަރާތުން، މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދެވެ.
އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒެކުޓިވް އޮފިސަރު، ޑީސީޕީ (ރިޓަޔާޑް) މުހައްމަދު ރިޝްވާނެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގެ ދަށުން ހިތަދޫ ވިޔަފާރި ބަނދަރުގައި ކާބޯތަކެއްޗާއި އަސާސީ މުދާ އަދި އެހެނިހެން ބާވަތްތަކުގެ މުދާ ޑިއުޓީ ފްރީކޮށް ބެހެއްޓޭނެ ބޮންޑެޑް ސަރަހައްދެއް ގާއިމު ކުރެވޭނެ ކަމަށެވެ.
އަދި ރާއްޖޭގެ ދެކުނުގެ ސަރަހައްދުގައި ހިމެނޭ ރިޒޯޓްތަކަށް އަމާޒުކޮށްގެން ބޮންޑެޑް ވެއާހައުސްގެ ހިދުމަތާއި، އިމާރާތްކުރުމަށް ބޭނުންވާ ހިލަ އަދި ހިލަވެލި ފަދަ ބާވަތްތައް ގެނެސް ބަލްކްކޮށް ރައްކާކުރުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދެއް ވެސް ގާއިމްކުރާނެ ކަމަށް އެއްބަސްވުމުގައި ވެއެވެ.
ރާއްޖޭގެ ސަރަހައްދީ ބަނދަރުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތެއްގައި ހިފޭނީ މިފަދަ ހިދުމަތްތައް ފޯރުކޮށްދީގެން ކަމަށް އެމްޕީއެލްއިން ބުނެއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، ބައިނަލްއަގުވަމީ ހިދުމަތް ދޭ ޕޯޓް އޮތްއިރު، ހަމައެކަނި ސެޓަލައިޓް ދެ ޕޯޓްގައި ވިޔަފާރިއެއް ނުއުފެދޭނެ ކަމަށާއި، އެކަމަށްޓަކައި ކަންތައްތަކެއް ކުރަން ޖެހޭނެ ކަމަށެވެ.
އަދި އެމްޕީއެލްގެ ސީއީއޯ ރިޝްވާން ވިދާޅުވީ ސަރަހައްދީ ބަނދަރުތަކުގައި ގިނަ ހިދުމަތްތަކެއް ގާއިމުކުރެވުމަކީ މާލޭ ވިޔަފާރި ބަނދަރަށްވެސް ލިބިގެންދާނެ ބޮޑު ލުޔެއް ކަމަށެވެ.

