އޮރެންޖަކީ ނުހަނު ގިނަ ފައިދާތައް ސިއްހަތަށް ލިއްބައިދޭ، ވަރަށް ރަހަ ވެސް މީރު މޭވާއެކެވެ. ރޯގާ ފަދަ އާއްމު ބަލިތައް ޖެހުމުން ދުރުވުމަށާއި، އާއްމު ބަލިތަކުން ރައްކާތެރިވުމަށް އެހީވެދޭ މި މޭވާއިން ލިބޭ އިތުރު ފައިދާތަކަށް ބަލައިލަމާ ހެއްޔެވެ؟
ހިތާއި ލޭހޮޅިތަކުގެ މަސައްކަތްތަކަށް ލިބޭ ފައިދާތައް
އޮރެންޖުގައި ފޮލިކް އެސިޑް، ޑައެޓްރީ ފައިބަރު، އަދި ހެސްޕެރިޑިން ހިމެނެއެވެ.
މިއީ ހިތާއި ލޭހޮޅިތަކުގެ ނިޒާމް މަސައްކަތްތައް ސީދާގޮތެއްގައި ކުރިއަރުވައި ރަގަޅުކޮށްދޭ މާއްދާ ތަކެކެވެ.
އެހެންކަމުން ދުވާލަކު އޮރެންޖެއް ކެއުމަކީ ހިތާއި ލޭހޮޅިތައް ދުޅަހެޔޮކަންމަތީ ބަހައްޓައިދޭނެ ކަމެކެވެ. މީގެ އިތުރުން ފްލޭވޮނޮއިޑް އަދި ވިޓަމިން ސީ ހުރުމަކީ ވެސް ހިތުގެ ބަލިތަކާއި ދުރުކޮށްދޭ ކަމެކެވެ.
ރާއްޖެ ބައްޔަށް ނުވަތަ ހުޅުތައް ދުޅަވުމުގެ ބައްޔަށް ފަރުވާއެއް
އިނގިރޭސިވިލާތުގެ އާތުރައިޓިސް ރިސާރޗް ކެމްޕޭން އެޕިޑެމިއޮލޮޖީ ޔުނިޓުން ހެދި ދިރާސާއަކަށްފަހު، މަޝްވަރާދީފައިވާ ގޮތުން، ކޮންމެ ދުވާލަކު ތާޒާ އޮރެންޖު ޖޫސް ތައްޓެއް ބުއިމަކީ، ރާއްޖެ ބަލި ފަދަ ހުޅުދުޅަވުމުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެއް ކަމަށެވެ.
އޭގެ ފަހުން ”އެމެރިކަން ޖާނަލް އޮފް ކްލިނިކަލް ނިއުޓްރިޝަން“ އިން ހެދި ދިރާސާއަކުން މިކަމަށް އިތުރު ހެކިތައް ލިބިފައިވެއެވެ. އެހެން ދިރާސާއަކުން އެނގިފައިވާ ގޮތުގައި ކެރޮޓިނޮއިޑް، ޒީޒެންތިން، ، ބީޓާ-ކްރިޕްޓޯޒެންތިން ފަދަ ފައިޓޮނިއުޓްރިއެންޓްތައް ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމެނުމަކީ މިދެންނެވި ފަދަ ހުޅުގެ ބަލިތަކުން ދުރުކޮށްދޭނެ ކަމެކެވެ.
ދިފާއީ ނިޒާމް ވަރުގަދަކުރުން
އޮރެންޖުގައި ގިނަ މިންވަރަކަށް ވިޓަމިން ސީ ހުރުމަކީ އެކަމުގެ ސަބަބުން ލޭގެ ހުދު ސެލްތައް އުފެއްދުމަށް ބާރުއަޅާނެ ކަމެކެވެ. މި ސެލްތަކަކީ ދިފާއީ ނިޒާމްގައި ޝާމިލްވާ ސެލްތަކެއް ކަމަށް ވުމުން ހުދު ސެލްތައް ގިނައިން އުފެދުމުން، ދިފާއީ ނިޒާމް ރަނގަޅުވެ ހަރުދަނާ ވާނެއެވެ.
ކިޑްނީގައި ހިލަ އުފެދުމުން ރައްކާތެރިކޮށްދިނުން
އާންމުކޮށް އޮރެންޖު ޖޫސް ބުއިމަކީ ކިޑްނީގައި ހިލަ އުފެދުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ.
ދިރާސާއަކުން އެނގިފައިވާ ގޮތުގައި އެހެން ބާވަތްތަކުގެ ހުތް ޖޫސްތައް ބޭނުންކުރުމަށްވުރެ، އޮރެންޖު ޖޫސް ބުއިމުން ކިޑްނީގައި ހިލަ އުފެދޭ މިންވަރު ދަށްވާލެއް ބޮޑުވެދާނެއެވެ.
ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް އެހީތެރިވުން
އޮރެންޖުގައި ހަކަތަ އެކުލެވެނީ މަދު މިންވަރަކަށެވެ. އަދި ޑައެޓްރީ ފައިބަރު ހުރުމަކީ އެކަމުގެ ސަބަބުން ފުރިފައި ހުންނަ އިހްސާސެއް ގެނެސްދޭނެ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން ކާން ބޭނުންވާ މިންވަރު އަދި ކެވޭ މިންވަރު މަދުވެ، ބަރުދަން ލުއިވާގޮތް ވެއެވެ.

