މާލޭ ހުޅަނގު ފަރާތުގައި ހުންނަ ސުނާމީ ބިނާ ކައިރީ އަޅާފައިވާ ކަނޑު އުޅަނދުތައް ނެގުމަށް ފުލުހުން އަންގައިފިއެވެ.

ސުނާމީ ބިނާއަކީ 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގެ ގިނަ ވާހަކަތަކެއް ސިފަކޮށްދޭގޮތަށް ފަރުމާކޮށްފައިވާ މޮނިއުމަންޓެކެވެ.

ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައިވާގޮތުން އެ ސަރަހައްދުން އުޅަނދުތައް ނަގަނީ މާލޭ ސްކޭޕިން މަޝްރޫއުގެ ތެރެއިން ސުނާމީ ބިނާ މައިޒާން ތަރައްގީކުރުމުގެ މަސައްކަތަށެވެ.

ފުލުހުން ވަނީ ހުސްކުރަންވާ ސަރަހައްދު އާންމުންނަށް ސާފުވާނޭ ގޮތަށް ޗާޓުގައި ރަތްކުލައިން ހައިލައިޓްކޮށްފައެވެ.

ފުލުހުން ބުނީ، ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް މިއަދުގެ 18:00ގެ ކުރިން އެ ސަރަހައްދުން ނަގައި ހުސްކުރުމަށް އެދޭ ކަމަށެވެ.

”އެފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަމެވެ. އަދި މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދެމެވެ.“ ފުލުހުންގެ ޕޯސްޓުގައިވެއެވެ.