އިކޯ ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ”ރަސްމާލެ“ ސިޓީގެ ސައިޓު އޭ ހިއްކުމުގެ މަޝްރޫއުގެ ދަށުން، މިހައިތަނަށް 116 ހެކްޓަރުގެ ބިން ހިއްކައި ނިންމައިފިއެވެ. މި މަޝްރޫއު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) އިން ބުނީ، ރަސްމާލެ ސައިޓް އޭގެ 116 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާފައިވާއިރު، އެއީ މުޅި މަޝްރޫއަށް ބަލާއިރު، ބިން ހިއްކުމުގެ ގާތްގަނޑަކަށް 84 އިންސައްތަ ކަމަށެވެ.
ރަސްމާލެ ހިއްްކުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ މުޅި ދުނިޔޭއިންވެސް އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ ’ކްރިސްޓޯބަލް ކޮލޯން‘ ޑްރެޖަރު ބޭނުންކޮށްގެންނެވެ.
ރަސްމާލެ ސައިޓު އޭ އިން 137.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަހަރު ބޭއްވި ރަސްމީ ޖަލްސާގައި، ގައުމާ މުހާތަބުކުރައްވައި، ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ 5 މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމާލޭގައި ހިއްކޭ ބިމުން 15000 ގޯތި ދޫކުރުމަށް އިއުލާނު ކުރެވޭނެކަމުގައި ވިދާޅުވެފައެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ، މި ދައުރުގެ ތެރޭގައި އެ މައްސަލައަށް އެދެވޭ ހައްލެއް ގެންނާނެ ކަމަށާއި، ”ރަސްމާލެ“ މަޝްރޫއު އަކީ ގެދޮރުގެ ދަތިކަމުގެ މައްސަލައިގެ ”ޓޯޓަލް ސޮލިއުޝަން“ ކަމަށެވެ.

