ފެޓީ ލިވާ އަކީ މިހާރަކަށް އައިސް ވަރަށް އާއްމުކޮށް ދިމާވާ ސިއްހީ މައްސަލައެކެވެ. މިއީ ފުރަމޭ ( ލިވާ) ގައި ސަރުބީ ހުންނަން ޖެހޭ މިންވަރަށް ވުރެ އިތުރުވުމުން ކިޔާ ނަމެކެވެ. މި ކަމަށް ސަމާލުކަން ނުދީފިނަމަ ސިއްހީ ގޮތުން ނުރައްކާތެރި ހާލަަކަށް މީހާ ގޮސްފާނެ ކަމަށް ސިއްހީ މާހިރުން ލަފާދެއެވެ.
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަަށް ކޮންމެ މީހަކުވެސް ބޭނުންވާއިރު، ދިރިއުޅުމުގެ ކަންތައްތައް ހުންނަ ގޮތުން އެކަމަށް އެހާ ފަރުވާތެރިކަން ނުދެއެވެ.
އެހެން ކަމުގައި ވީނަމަވެސް ކުޑަހިތްވަރެއް ކޮށްލުމަށްފަހު މިތަކެތި ކެއުމުގައި ހިމަނާލުމުން ފެޓީ ލިވާއިން ރައްކާތެރިވުމަށް މަގުފަހިވެގެން ދެއެވެ.
ގްރީން ޓީ
ރިސާރޗްތައް ދައްކާ ގޮތުން ގްރީން ޓީ ގައި ހިމެނޭ މުހިިއްމު ( އެންޓި އޮކްސިޑެންޓެއް) ކަމަށްވާ ”ކެޓަޗިނ“ް މާއްދާގެ ސަބަބުން ފުރަމޭގައި އުފެދިފައި ހުންނަ ސަރުބީގެ މިންވަރު ދަށްކޮށްދެއެވެ. އަދި ގްރީން ޓީ ގައި ހިމެނޭ ހަށިގަނޑަށް ފައިދާ ކުރާ އެހެނިހެން މާއްދާތަކުގެ ސަބަބުން ފުރަމޭގެ ސިއްހަތު ރަނގަޅުވާން މަގުފަހިވެއެވެ.
ގްރީން ޓީ ބޯން އެންމެ ރަނގަޅު މިންވަރެއްކަމަށް ދިރާސާ ތަކުން ދައްކަނީ ދުވާލަކަށް ތިން ހަތަރު ތައްޓެވެ. އެއަށްވުރެ ގިނައިން ބޯނަމަ އޭގެ ގެއްލުންވެސް ހަށިގަނޑަށް ކުރުމުގެ ފުރުސަތު އޮވެއެވެ.
ބީޓްރޫޓްސް
ބީޓްރޫޓަކީވެސް އޭގައި ގިނަ އަދަދަކަށް ހަށިގަނޑަށް ފައިދާ ކުރަނިވި މާއްދާތައް ހިމެނޭ އެއްޗެކެވެ. އޭގައި ހިމެނޭ މާއްދާއެއް ކަމަށްވާ “ ބީޓެއިން“ގެ ސަބަބުން ފުރަމޭގެ ލޭ ހޮޅިތައް ސާފުކޮށްދެއެވެ. ބީޓް ރޫޓް ކެއުުމުގައި ހިމަނާ ކަމުގައި ވާނަމަ މީގެ އިތުރުންވެސް ފުރަމޭ އަށް އެތައް ގޮތަކުން ފައިދާވާ ކަމަށް ދިރާސާ ތަކުން ދައްކައެވެ. ބީޓްރޫޑް ރޮލާ ، ޖޫސް ނޫންނަމަ ފިހެެގެން ވެސް ބޭނުން ކުރެވިދާނެއެވެ.
ޗިއާ އަދި ބޭސިލް ސީޑް
ޗިއާ އަދި ބޭސިލް ސީޑް ފެނުގައި ފޯ ކުރުމަށްފަހު ބޭނުންކުރުމުން ހަށިގަނޑުގެ ހަކުރުގެ މިންވަރު އަދި ކޮލެސްޓްރޯކް މިންވަރު އެއްހަމައެއްގައި މަތިނުވެ ހިފަހައްޓައިދެއެވެ. އަދި މި ބާވަތްތަކަކީ އޭގައި އޮމެގާ-3 ގިނަ އަދަދެއް ހިމެނޭ ބާވަތްތައް ކަމުން އޭގެ ސަބަބުން ފުރަމޭގެ ސިއްހަތައް ހެޔޮ އަސަރު ތަކެއް ކުރެއެވެ. ޗިއާ ސީޑް އަދި ބޭސިލް ސީޑް ބޭނުންކުރާއި ފެންތައްޓަކަށް އެއްސަމްސާގެ ޗިއާ ސީޑު ނުވަތަ ބޭސިލް ސީޑް އަޅާލުމަށްފަހު މަދުވެގެން 30 މިނެޓް ވަންދެއް ބެހެއްޓުމަށްފަހު ރަނގަޅަށް ފޯވުމުން ބޭނުން ކުރާށެވެ. މި ސީޑްތައް ފެނުގައި ފޯކޮށްގެން ނުވަތަ ސުމޫޓީ ހަދައިގެން ވެސް ބޭނުންކުރެވިދާނެއެވެ.
ކަޅު ކޮފީ
ކަޅު ކޮފީއަކީ އޭގެ ފައިދާއާއި ގެއްލުމުގެ ވާހަކަ އަބަދުހެން ދެކެވޭ ބުއިމެކެވެ. ގިނަ ދިރާސާތައް ބުނާ ގޮތުގައި ކަޅު ކޮފީއަކީ އެކަށޭނެ މިންވަރަކަށް ބޮއެފި ނަމަ އޭގެ ސަބަބުން ހަށިގަނޑަށް ގިނަ ފައިދާ ތަކެއް ކުރާ ބުއިމެެކެވެ.
އެގޮތުން ކިރު އަދި ހަކުރު ނުލާ ކަޅުކޮފީ ބުއިމަކީ އޭގެއިން ގިނަ ފައިދާތަކެއް ފުރަމޭއަށް ކޮށް ފުރަމޭ ބަލިތަކުން ރައްކާކޮށްދިނުމަށް އެހީވެދޭ އެއްޗެއްކަން ގިނަ ދިރާސާތަކުން ދައްކާފައިވެއެވެ.
އޭގެ ސަބަބުން ފެޓީ ލިވާ، ލިވާ ފައިވްރޯސިސް އިން ފުރަމޭ ރައްކާތެރިކޮށްލީ ފުރަމޭގެ އެންޒައިމް ލެވެލް މަތިކޮށްދެއެވެ.
މަތީގައި ހިމެނިފައިވާ ބާވަތްތައް ކެއުމުގައި ހިމަނާލުމުގެ އިތުރުން ކަސްރަތުކުރުމާއި ގިނައިން ފެންބުއިމަކީވެސް ފެޓީ ލިވާއިން ރައްކާތެރިވުމަށް ކުރެވިދާނެ މުހިއްމު ކަންތައްތަކެވެ. މީގެ އިތުރުން ސިއްހީ ކަންކަމުގައި އެންމެ މުހިއްމު އެއްކަމަކަށް ސިއްހީ މާހިރުންގެ ލަފާހޯދަންވާނެއެވެ.

