މިދިޔަ އަހަރު އެއާ އިންޑިއާގެ ފްލައިޓް އޭއައި 171 ވެއްޓުނު ހާދިސާ ހިނގީ ފްލައިޓު ދުއްވަމުންދިޔަ ޕައިލެޓުންގެ އިހުމާލުން ކަމަށް ތުހުމަތުކޮށް އިޓަލީގެ މީޑިއާއަކުން ފެތުރި ވާހަކަ އިންޑިއާގެ ޔޫނިއަން މިނިސްޓްރީން ދޮގުކޮށްފިއެވެ.

ޔޫނިއަން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސިވިލް އޭޝިއަން، މުރްލިދާލް މޮހޯލް ވިދާޅުވީ، ފްލައިޓު ވެއްޓުނު ހާދިސާގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށް ކަމަށާއި، ހާދިސާ ހިނގައި ދިޔަ ގޮތާ ގުޅޭގޮތުން، އަދި ވަކި ގޮތަކަށް ނުނިންމާ ކަމަށެވެ.

އިޓަލީގެ ނޫހަކުން ބުނެފައި ވަނީ، އެއާ އިންޑިއާގެ ފްލައިޓް ވެއްޓުނު ހާދިސާ ތަހުގީގު ކުރަމުންދާ އެޖެންސީތަކުން، މި ހާދިސާގައި ބޯޓުގެ ފަޅުވެރިން ޒިންމާވާން ޖެހޭ ކަމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ފްލައިޓުގެ ކޮކްޕިޓުގައި، ލޮކް ކުރެވިފައި ހުންނަ ފިއުލް ކަޓް އޮފް ސްވިޗު ޕައިލެޓުން ގަސްތުގައި ނިއްވާލީ ކަމަށް ވެސް، ތަހުގީގީ އިދާރާތަކާ ހަވާލާދީ، އެ ނޫހުގެ ރިޕޯޓުގައި ތުހުމަތުކޮށްފައިވެއެވެ.

ރިޕޯޓުގައި އެންމެ ބޮޑު ތުހުމަތެއް ކޮށްފައި ވަނީ ފްލައިޓުގެ ކެޕްޓަން ސްމިތު ސަބްރަވާލްގެ މައްޗަށެވެ. އެގޮތުން، ފްލައިޓުގެ ދެ އިންޖީނުގެ ތެޔޮ ސަޕްލައި އޭނާ ގަސްތުގައި ހުއްޓުވާލީ ކަމަށް ވެސް ތުހުމަތު ކޮށްފައިވެއެވެ.

 

އެއާ އިންޑިއާގެ ފްލައިޓު ވެއްޓިފައި

 

މިކަމަށް ރައްދު ދެއްވައި ހޮނިހިރު ދުވަހު މޮހޯލް ވިދާޅުވީ، އިންޑިއާގެ އެތެރޭގެ އެޖެންސީތަކުން އަދިވެސް ދަނީ ފްލައިޓު ވެއްޓުނު ހާދިސާ ތަހުގީގު ކުރަމުން ކަމަށާއި، މިކަމުގައި ބޭރުގެ ބަޔަކަށް އިތުބާރު ކުރަންވީ ސަބަބެއް ނެތް ކަމަށެވެ. އަދި އަމިއްލަ ގައުމުގެ އިދާރާތަކަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މޮހޯލް މިފަދައިން ވިދާޅުވީއިރު، ފްލައިޓު ވެއްޓުނު ހާދިސާގެ ޕްރިލިމިނަރީ ރިޕޯޓުގައި، ކޮކްޕިޓުގައި ޕައިލެޓާއި ފަސްޓް އޮފިސަރާ ދެމެދު ދެކެވުނު ވާހަކައެއް ވަނީ ހާމަވެގެން ގޮސްފައެވެ.

އޭގެ ތެރެއިން އެކަކު ވަރަށް ހާސްވެ ހުރެ ސުވާލު ކުރަނީ ފިއުލް ސްވިޗު ނިއްވާލީ ކީއްވެތޯއެވެ. ޖަވާބުގަައި، ދެން ހުރި މީހާ ބުނަނީ، އެކަން ނުކުރާ ކަމަށެވެ.

12 ފަޅުވެރިންނާއި 230 ފަސިންޖަރުންނާއެކު އިންޑިއާގެ އަހުމަދުއާބާދުން ލަންޑަނަށް ދަތުރު ކުރަމުންދިޔަ ފްލައިޓު ދަތުރު ފެށިތާ 32 ސިކުންތުގެ ތެރޭގައި ވެއްޓުނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހު މެންދުރުގެ ވަގުތެއްގައެެވެ.

އެ ހާދިސާގައި ވަރަށް އަޖައިބު ކުރުވަނިވި ގޮތަކަށް ސަލާމަތްވީ އެންމެ މީހެކެވެ. ކޮލެޖުތައް ހުންނަ ސަރަހައްދަކަށް ބޯޓު ވެއްޓުނުއިރު، ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ތިބި19 މީހަކު ވެސް މަރުވެފައިވެއެވެ. މިއީ އިންޑިއާގެ ވައިގެ ދަތުރުފަތުރުގެ ތާރީހުގައި ވެސް ހިނގައިދިޔަ އެންމެ ހިތާމަވެރި އެއް ހާދިސާއަށް ވަނީ ވެފައެވެ.

ވެއްޓުނު އޭއައި 171 އަކީ ބޮއިން މަރުކާގެ 787 ޑްރީމްލައިނަރއެވެ. މިއީ ބޮއިންގެ ޑްރީމްލައިނަރ އަކަށް ވެސް ދިމާވި މިފަދަ އެންމެ ނުރައްކާތެރި ހާދިސާއެވެ.