ޖަލުގައި ތިބި ޤައިދީންނާއި ބަންދު މީހުންގެ ތެރެއިން ސްޕެޝަލިސްޓް، ޑޮކްޓަރުންނަށް ދައްކަންޖެހޭ މީހުންނަށް އެ ފުރުސަތު ހޯދައިދިނުމަށް ޓަކައި ”ހޭހަން“ގެ ނަމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
”ހޭހަން“ އޮޕަރޭޝަނަކީ ޖަލުގައި ތިބި ޤައިދީންނާއި ބަންދު މީހުންގެ ތެރެއިން ޚާއްސަ ޑޮކްޓަރުންނަށް ދައްކަންޖެހޭ މީހުން ދެއްކުމާއި އަދި ޖަލުގައި ދެވެން ނެތް ފަރުވާ ދިނުމަށް ޓަކައި ހޮސްޕިޓަލަށް ނުވަތަ ސިއްޙީ ޚިދުމަތްދޭ މަރުކަޒަށް ގެންގޮސްގެން ދިނުމަށް ހިނގާ ޚާއްސަ އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަން ފައްޓަވައި ދެއްވަމުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުޙައްމަދުފުޅު ވިދާޅުވީ އެންމެ ގިނައިން އަންނަ ޝަކުވާއަކީ ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ އުނދަގޫތަކާއި ތަފާތު މައްސަލަތައް ކަމަށެވެ. އަދި ބައްދަލުކުރާ އާއިލާތަކުން ވެސް މައިގަނޑު ގޮތެއްގައި ފާހަގަކުރާ އެންމެ ބޮޑު އެއް މައްސަލައަކީ ޤައިދީން ޑޮކްޓަރަށް ދެއްކުމުގައި ހުރި ތަފާތު އެކިއެކި ދަތިތަކުގެ ވާހަކަ ކަމަށް ވިދާޅުވިއެވެ.
އަދި ޖަލުގެ ކަންކަން ބަލަހައްޓާ އޯވާސައިޓް ކުރާ ބައެއް ފަރާތްތަކުން ވެސް އަޅުގަނޑުމެންނަށް ތަފާތު އެކި ރިކޮމެންޑޭޝަންތައް މިކަމުގައި ދީފައި އެބަހުރި. އެކަމަކު ޖަލުގައި އަދިވެސް މި މައްސަލަ ވަރަށް ބޮޑު. ޖަލަކީ ގިނަ ބަޔަކު ބަންދުކުރެވިފައި ތިބޭ ތަނަކަށް ވާތީ ސިއްޙީ މައްސަލަތައް ވަރަށް ގިނައިން ދިމާވާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
