ރޯދަމަހަކީ އެމަހެއްގައި ކެއުން ބުއިމުގައި ސިއްހަތަށް ބެލުމަށް ފަރުވާކުޑަކުރެވޭ މަހެކެވެ.

ރޯދަ ވީއްލާ ވަގުތުން ފެށިގެން ބަންގިއާ ހަމަޔަށް އެކި ވަގުތު ކެއުމުގައި ހޭދަކުރެވޭ ފަހަރު އާދެއެވެ.

އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. އެކި ވައްތަރުގެ ކާއެއްޗެހިން އަބަދުވެސް ސުފުރާ މަތި އޮންނަނީ ފުރިފައެވެ. ފޫހިވެގެންވެސް ކެވެނީއެވެ. ގެއަށް ވަދެފަ ނުކުންނަ ކޮންމެ ފަހަރަކުވެސް ކެވެނީއެވެ. ރައްޓެއްސެއްގެ ގެއަށް ދިއަޔަސް ކެވެނީއެވެ.

ނަމަވެސް މި އާދަ ދޫކޮށްލާ ކުޑަކޮށް ސިއްހަތަށް ބަލައިގެން ރޯދަހިފާލަމާ ހިނގާށެވެ.

އެގޮތުން އެންމެ ފުރަތަމަ ކަމަމަށް ކުރަންވީ ކަމަކީ ހާރުކެއުން ދޫކޮށް ނުލަންވީއެވެ. ނުވަތަ ހާރުކެއުން ލަސްކުރެވިދާނެއެވެ. ގިނަ ފަހަރަށް ލަހުން ނިދާތީ ނިދިން ހޭލަން ބުރައަކަށް ހާރުކާން ތެދުވާކަށް ބޭނުން ނުވެއެވެ.

ހާރުކެއުން ދޫކޮށްލުމުން ދުވާލުގަޑީގައި ހުސްބަނޑާ ހުންނަ ވަގުތު ގިނަވެއެވެ. މީގެ ސަބަބުން ދުވާލުގަޑީގައި ކަރުހިއްކާ، ވަރުބަލިކަން އިހުސާސްވާނެއެވެ.

އެންމެ ރަނގަޅުގޮތަކީ ބަންގި ގޮވުމާއި ކައިރިކޮށްފަ ކެއުމެވެ. ހާރުކެއުން ދޫކޮށްލައިފިނަމަ ރޯދަ ވީއްލާގަޑީގައި ގިނައިން ކެވޭ ގޮތްވާނެއެވެ. މީގެ ސަބަބުން ބަރުދަން އިތުރުން އެކަށީގެންވެއެވެ.

ހަށިގަނޑަށް އުދަގޫވާ ވަރަށް ނުކާށެވެ.
ރޯދަ މަހަކީ ގިނައިން ކެއުމަށް އާދަވާމަހެކެވެ. ނަމަވެސް މިކަމުގެ ސަބަބުން ހަށިގަނޑަށް ގެއްލުން ވެއެވެ. ރޯދަ ވީއްލަންވަނީ ކުޑަ ގޮތަކަށެވެ. ބޮޑު ކެއުމަކުނެއްނޫނެވެ.

ރޯދަ ވީއްލުމުގައި ސަރުބި ގިނަ ކާއެއްޗިހި މާގިނައިން ބޭނުންކުރާނަމަ  އަވަހަށް ފަލަވުމުގެ އިތުރުން ހަޖަމް ކުރުމުގައި ވެސް މައްސަލަ ދިމާވާނެއެވެ.

ތެލުލި ކާނާ، ލޮނާއި، ހަކުރު ހިމެނޭ ބާވަތްތައް މަދުކުރާށެވެ.
މިހެން ބުނި ކަމުގައިވިޔަސް ރޯދަ ވީއްލުމަށް ސުފުރާ މައްޗަށް އަރުވާ ގިނަ ކާއެއްޗެއްސަކީ މި ބާވަތުގެ ކާނާއެވެ.

ޚާއްސަކޮށް ތެލުލި ހެދިކާއެވެ. ހެދިކާއާ ނުލައި ގިނަ މީހުންނަށް ރޯދަ ވީއްލަން އުދާގޫވެއެވެ. ކޮންމެ ގެއެއްގައިވެސް މެންދުރުން ފެށިގެން އިރުއޮއްސެންދެން އެންމެ އިސްކަމެއް ދީގެން ހަދާ އެއްޗަކީ އެކި ވައްތަރުގެ ހެދިކާއެވެ. މީގެ އިތުރުން އެކި ވައްތަރުގެ ޖޫހާއި، ފަންޏާއި،  ފޮނި ބުއިންތައްވެސް ހުންނާނެ ކަން ޔަގީނެވެ.

ރޯދަ ވީއްލާގަނޑީގައި މި ބާވަތްތައް މާގިނައިން ކެއުމުގެ ސަބަބުން މުޅި ދުވަހު ވަރުބަލިކަން އިހުސާސްވާނެއެވެ. ލޮނު ގަދަކޮށް ކާނަމަ ކަރުހިއްކާނެއެވެ.

އިސްވެ ބުނެވުނު ބާވަތްތަކުގެ ބަދަލުގައި ތަރުކާރީއާއި މޭވާ އިން ސިއްހަތައް ފައިދާ ހުރި ކާނާ ތައްޔާރުކޮށްލައިގެން ރޯދަ ވީއްލުމުގައި ހިމަނާލާށެވެ. މަހުގެ ބާވަތްތަށްވެސް ހިމެނޭ ގޮތަށް ހުރިހާ ވައްތަރެއްގެ ނިއުޓްރިއެންޓްސް ލިބޭނެ ފަދަ ގޮތަކަށް ރޯދަ ވީއްލުން ބައްޓަން ކޮށްލާށެވެ. ފައިބާރ ގިނަ ކާނާ ކެއުމަށް އިސްކަންދޭށެވެ. އޭގެ ސަބަބުން ހަޖަމް ކުރުމުގައި ދިމާވާ އުދަގޫތަކަށް ފަސޭހަވެގެންދާނެއެވެ.

ގިނައިން ފެންބޯށެވެ.

ރޯދަ ވީއްލުން ފެށިގެން ހާރުކެއުމާއި ހަމަޔަށް އެމީހަކަށް ބޮވޭނެ އެންމެ ގިނައިން ފެންބޯށެވެ. މީގެ ސަބަބުން ދުވާލު ގަޑީގައި ކަރުހިއްކުމާއި، ވަރުބަލިވުމުން ދުރުކޮށްދޭނެއެވެ.
މަދުވެސް 8 ތަށީގެ ދިޔާތަކެތި ބޯން އާދަކުރާދެވެ. ދިޔާ ތަކެތީގެ ތެރޭގައި  ފްރްޓް ޖޫސް ، ލޯފެޓް މިލްކް ހިމެނިދާނެއެވެ. ނަމަވެސް އެންމެ ރަނގަޅީ ފެނެވެއެވެ.

ކޮފީއާއި ސައި ބުއިން މަދުކުރާށެވެ. އޭގެ ސަބަބުން ހަށިގަނޑުން ފެން މަދުވާނެތީއެވެ.

ރޯދަ މަހުގައި ކެއުމުގައި ފައިދާހުރި ބާވަތްތައް ހިމަނައިގެން ކެއުން ހަމަހަމަކޮށް ކުރިއަށް ގެންދިއުމަށް އިސްކަންދޭށެވެ. ރަނގަޅު ސިއްހަތެއްގައި ހުރުމަކީ ނިއުމަތެކެވެ.