ކައުންސިލަރުންނަށް ހޮވަންވަނީ ރައީސްގެ ތަސައްވުރަށް ތާއީދުކޮށް އެކަމަށް އެއްބާރުލުން ދޭނެ ކެންޑިޑޭޓުންތަކެއް ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ގަލޮޅު ދެކޮނު ދާއިރާގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާހު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ރައްޔިތުން ރައީސް މުއިއްޒު ހޮވާފައިވަނީ އެމަނިކުފާނުގެ ތަސައްވުރު ކަމުދާތީ އެކަމަށް ތާއީދުކުރާތީ ކަމަށާއި، އެހެންކަމުން ރައްޔިތުންނަށް ހިދުމަތްދޭ މުއައްސަސާ ތަކުގައި ތިބެންވާނީ އެމަކުފާނުންގެ ތަސައްވަރަށް ތާއީދުކޮށް އެއްބާރުލުން ދޭނެ ބައެއްކަމަށާއި، ހަމަ އެފަދައިން ކައުންސިލްތަކަށް ހޮވަންވާނީވެސް އެ ވިސްނުމުގެ ކެންޑިޑޭޓުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސްގެ ސިޔާސަތަށް ތާއީދު ނުކުރާ އިދިކޮޅު ފިކުރުގެ ބަޔަކު ކައުންސިލްތަކަށް އިންތިޚާބުކޮށްފިނަމަ ރިޔާސީ އިންތިހާބުގައި ރައްޔިތުން މިގައުމަށް ގެންނަން ބޭނުންވި ތަރައްގީ ގެނައުމުގައި ގޮންޖެހުންތައް ކުރިމަތިވެގެންދާނެ ކަމަށް ރާފިއު ވިދާޅުވިއެވެ.

ގައުމަށް ހަމަޖެހުމާއި، އަމާންކަމާއި، ރައްކާތެރިކަން ހާސިލްކުރުމަށް އެންމެން އަތުގުޅާލައިގެން މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރު ރާފިއު ވިދާޅުވިއެވެ.

އަދި ގައުމަށް ގެންނަން ބޭނުންވާ ތަރައްގީއާއި ތަމައްދުން ގެނައުމަށްޓަކައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓް ދެއްވުމަށް މިނިސްޓަރު ވަނީ އެދިވަޑައިގަންނަވާފައެވެ.

ޕީއެންސީގެ ކެންޑިޑޭޓުންނަކީ އޯގާތެރި، މީހުންނާ ގާތުން ވަރަށް އެކުވެރިކަމާއި އެކު މީގެ ކުރިންވެސް މަސައްކަތްކޮށްދެއްވާފައިވާ ބައެއް ކަމަށާއި، މީގެ ކުރިން އެ ފަރާތްކުންވަނީ އެކަން ސާބިތުކޮށްދީފައި ކަމަށްވެސް މިނިސްޓަރު ރާފިއުވަނީ ފާހަގަކުރައްވާފައެވެ.

އަދި އެ ކަންތައް އެންމެ ފުރިހަޔަށް ކާމިޔާބުކުރުމަށް ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓް ދެއްވުމަށް މިނިސްޓަރ ވަނީ އެދިވަޑައިގަންނަވާފައެވެ.

އަދި ޕީއެންސީގެ ކެންޑިޑޭޓުންނަކީ ޕާޓީން ޓިކެޓްދީގެން ކުރިމަތިލާފައި ތިބި ބައެއް ކަމަށާއި، އިތުރަށް ޕީއެންސީގެ ކެންޑިޑޭޓުން ނޫޅޭނެކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ ވޯޓު ދިނުމުގައި ރައްޔިތުން އެކަމަށް ވިސްނާލުމަށް އެދިވަޑައިގަންނަވާފައެވެ.