ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލޭ ދާއިރާތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރިއަށްގެންދާ ”ދޮރުންދޮރަށް“ހަރަކާތުގައި  ރާއީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފިއެވެ.

މިއަދު މެންދުރު ކުރިއަށް ގެންދިޔަ  ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މާފަންނު މެދުދާއިރާގައެވެ.

އެގޮތުން ރައީސް ވަނީ އެދާއިރާގެ ގެ ތަކަށް ވަޑައިގެން އެގެ ތަކުގައި ދިރިއުޅޭ  ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.

މިއަދުގެ މި ހަރަކާތުގައި ވެސް ސަރުކާރުގެ މިނިސްޓަރުންނާއި މަޖިލީހުގެ މެންބަރުންގެ އިތުރުން ޕީއެންސީން މާލެގެ މޭޔަރަކަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި މާލޭގެ އެކި ދާއިރާގެ ގޮނޑިތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންވެސް ބައިވެރިވެފައިވެއެވެ.

މިހަރަކާތުގެ ތެރެއިން މިއަދު މާފަންނު މެދު ދާއިރާއަށް ރައީސް ވަޑައިގެންފައިވާއިރު މީގެ ކުރިންވަނީ މައްޗަށްގޮޅި މެދު ،ހެންވޭރު ހުޅަނގު، ގަލޮޅު އުތުރުގައި ހިންގި ”ދޮރުންދޮރަށް“ ހަރަކާތުގައިވެސް ރައީސް ވަނީ ބައިވެރިވެވަޑައިންފައެވެ.

މި ހަރަކާތްތަކަށް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަން ފާހަގަކޮށްލެވެއެވެ.

ކުރިއަށް އޮތް އިންތިހާބަށް ޕީއެންސީން ތައްޔާރުވަމުން އަންނަ އިރު އެ ޕާޓީން ވަނީ އިންތިހާބަކާއި ނުލައި 69 ގޮނޑި ކާމިޔާބުކޮށްފައެވެ.