ފިލްމް ޑައިރެކްޓަރު އަހުމަދު ނިމާލް ނިޔާވުމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިމާލްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ނިމާލް ނިޔާވެފައިވަނީ ސްޓްރޯކް ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާދެމުންދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އޭނާއަށް ސްޓްރޯކެއްޖެހި އައިޖީއެމްއެޗްގައި ފަރުވާދޭން ފެށީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސުގައި ރައީސް ވަނީ ތަމްސީލުކުޅުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހާސިލު ކުރައްވާފައިވާ ކުޅަދާނަ އެކްޓަރު އަދި ޑައިރެކްޓަރު ނިމާލް ނިޔާވުމުގެ ހިތާމައިގައި އެ އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ.

އެމަނިކުފާނުގެ ޕޯސްޓުގައިވަނީ ނިމާލްގެ ފުރާނައަށް މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ލައްވާ ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާ ދަންނަވާފައެވެ.