ޕާކިސްތާނާ ރާއްޖެއާ ދެމެދު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާ ކުރެއްވީ އެގައުމުގެ ސަފީރު، އަތާރް މުހްތާރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ބައްދަލު ކުރައްވައި، ދެބޭފުޅުންގެ މެދުގައި ދެކެވުނު ވާހަކައިގެ ތެރެއިންނެވެ.
ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހާއި ޕާކިސްތާން ސަފީރު ދެއްކެވި ވާހަކަފުޅުގައި، ފާއިތުވެދިޔަ އަހަރުތަކުގައި ރާއްޖެއާ ޕާކިސްތާނުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިފައިވާ ކަންކަމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ސިއްހީ ދާއިރާއިންނާއި، އިގްތިސާދީ ދާއިރާއިން އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިވެގެން ދިޔަކަން ފާހަގަކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ދާދި ފަހުން ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާ އާއި ގުޅިގެން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ.
އަދި ޕާކިސްތާނުގެ ސަފީރު ވަނީ، ރައީސް ސޯލިހުއަށް އެ މައުލޫމާތު ހިއްސާކުރައްވައި، ދިވެހި ސަރުކާރުން ފާޅުކުރެއްވި އިހްލާސްތެރި ޝުއޫރުތަކަށާއި ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
