ކެމްޕެއިނުގެ ބޭނުމުގައި ރައްޔިތުން ގާތަށް ދާން ގަސްދުނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީން މިރޭ ބޭއްވި ތަރާވީހުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއި އަމާނާތްތެރިކަމާއެކު ގައުމު ފޯރުކޮށްދިނުމަކީ އެމަނިކުފާނު ޒިންމާއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން އިސްލާހުކުރަންޖެހޭ ކަންކަން އިސްލާހުކުރުމަކީވެސް އެމަނިކުފާނުގެ ޒިންމާއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ބޮޑެތި ނިންމުންތައް ނިންމަމުން އަންނަނީ ރައްޔިތުންގެ ސިއްހީ ދުޅެހެޔޮކަން ޔަގީންކުރުމަށާއި، ރައްޔިތުންގެ ތަރައްގީ ޔަގީން ކުރުމަށާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލު ހިމާޔަތްކުރުމަށް ކަމަށެވެ.

ރައީސް ވިދާޅުވަނީ އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ ގައުމީ ވިސްނުންފުޅުގައި ކަމަށާއި، ތެދުވެރިކަމާއެކު ރައްޔިތުންނަށް ހިދުމަތްކުރުއްވުމަށްޓަކައި ކަމަށެވެ. އަދި އިންތިހާބަކާއި ދިމާކޮށް ރައްޔިތުންގެ ގާތަށް ދިއުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

”ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު، އަލުގަނޑު ގަސްދެއް ނުކުރަން ރަށްރަށަށް ދާކަށެއް. އަޅުގަނޑު ގަސްދެއް ނުކުރަން. އެހެންނެއް ނޫން، ސަރުކާރުން ހިންގާ ވަރަށް ބޮޑު މަޝްރޫއެއް ނިންމި އެ މަޝްރޫއުގެ ނިންމުން ފާހަގަކުރުމަށް ރައްޔިތުން އެދިވަޑައިގެންފިއްޔާ އެރަކަށް އަޅުގަނޑު ނުދާނެ ވާހަކައެއް ނޫން.. އެހެންނެއް ނޫން.. ކެމްޕެއިންގެ ބޭނުމުގައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އަޅުގަނޑު އެއްވެސް ރަށަކަށް ދާކަށް ގަސްދެއް ނުކުރަން.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ މީގެ ކުރިން ރާއްޖޭގައި ކަންކަން ހިނގި ގޮތެއް ނޫން ކަމަށެވެ. އެގޮތުން މީގެ ކުރިން އިންތިހާބުތަކާއި ދިމާކޮށް ވެރިން ތަންތަނަށް ދާން ދަތުރު ހައްދަވައިގެން ތިއްބަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުންނާ ވީ އެންމެ އަވަހަކަށްވެސް ބައްދަލުކުރައްވާ ރައްޔިތުންގެ ހިޔާލާއި އެކި މަޝްރޫއުތަކުގައި ރައްޔިތުން ބޭނުންވާ ތަރައްގީއާއި ގުޅޭ މައުލޫމާތު ހޯއްދެވުމަށް ކަމަށެވެ.

އެމަނިކުފާނުގެ ވެރިކަމަށް މިވީ ދެ އަހަރު ތެރޭގައިވެސް ވަނީ ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ސީދާ ބައްދަލުކުރައްވާ މަޝްވަރާތައް ކުރައްވާފައެވެ.

ރައީސް ވިދާޅުވީ ކަނޑުން ގެއްލުވާލިބައި ހޯދުމުގެ މަސައްކަތްވެސް ވަރަށް ބާރު ސްޕީޑުގައި ކުރަމުންދާ ކަމަށެވެ. އަދި އެ މަސައްކަތަކީވެސް އިންތިހާބާއި ދިމާކޮށް ކުރާ މަސައްކަތެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރިނަމަވެސް ރައީސް ވަނީ އެކަން ދޮގުކުރައްވާފައެވެ.

އެގޮތުން 19 ނޮވެންބަރު 2023 ގައި އެ މަސައްކަތް ފެއްޓެވިކަން ރައީސް ވަނީ އިއުލާނުކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ވެސް އެ ވާހަކަ ދަންނަވާފައިވާނެކަން ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އެ މަސައްކަތް ފައްޓަވައިގެން މިހާތަނަށް އެ މަސައްކަތް ގޮސްފައިވާ ހިސާބު ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާނެ ކަމަށެވެ.

”ގާނޫނު އަސާސީއާއި ގާނޫނުތަކާއި ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ ދައުރު ނުހިމަނައި ފޮނުވި ސިޓީ އަނބުރާ ގެނެވޭ ހިސާބަށް ދިޔައީމާ ސިޓި އަނބުރާ މި ގެނައީ. އެ ސިޓީ އަނބުރާ ގެނެސް، އެ ކަނޑުގެ ސަރަހައްދަކީ ހަމަ ގާނޫނުގައި އޮތް ގޮތަށް، ކުރިން ވެސް އޮތް ގޮތަށް އެއީކަން ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ އިއުލާނުކުރެވޭ ހިސާބަށް ދިޔައީމާ އިއުލާނުކުރީ. އަދި ދެންހުރި ކަންވެސް ކުރަމުން މިދަނީ އެ ތަރުތީބުން. އިންތިހާބަކާ ދިމާކޮށް އަޅުގަނޑުމެން ކަންކަމެއް ނުކުރާނަން.“ ރައީސް ވިދާޅުވިއެވެ.