އެމަނިކުފާނު ބޭނުންފުޅުވެލައްވަނީ، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަވައި، ނަތީޖާ ނެރެން ކަމަށާއި، އެކަމުގައި ހުރަހަކަށް ވެދާނެ ބަޔަކަށް ކައުންސިލްތައް ވިޔަ ނުދިނުމަށް ރައްޔިތުންގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވައިފިއެވެ.

ރައީސް މިކަމަށް އެދިވަޑައިގެންނެވީ، ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރޭ ބޭއްވި ހާއްސަ ތަރާވީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ކައުންސިލްތަކަށް ޕީއެންސީގެ ކެންޑިޑޭޓުން ހޮވުމަކީ، އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމެއް ކަމަށެވެ. ކައުންސިލްތަކުން ބިން ހަވާލު ނުކޮށްގެން، 57 މަޝްރޫއުއެއް މިހާރު ވެސް ނުފެށިވާ ކަމަށާއި، އެއީ ސަރުކާރާ ”އިދިކީލަ“ ވިސްނުމުގެ ކައުންސިލްތަކުން، ރައީސްގެ ސިޔާސަތުތަކަށް ހުރަސް އެޅުމުގެ ނަތީޖާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި، ސަރުކާރަށް އެއްބާރުލުން ދޭނެ ޕީއެންސީގެ ކެންޑިޑޭޓުން ހޮވަން އިލްތިމާސް ކުރައްވަމުން ރައީސް ވަނީ، ވަކިން ހާއްސަކޮށް ސިޓީތަކުގެ މޭޔަރުންނާއި، ރަށު ކައުންސިލްތަކުގެ ރައީސުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސާއިންގެ މަގާމަށް ޕީއެންސީގެ ކެންޑިޑޭޓުން ހޮވުމަކީ، އެމަނިކުފާނުގެ ވައުދުތައް ފުއްދުމަށްޓަަކައި، ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ކައުންސިލް މެމްބަރުން ވެސް ޕީއެންސީއަށް ނިސްބަތްވާ ބަޔަކަށް ވުން މުހިންމު ކަމަށާއި، އެއީ މޭޔަރުންނާއި ރައީސުންނަކީ ކައުންސިލް މެމްބަރުންގެ ނިންމުންތައް ތަންފީޒު ކުރަން ތިއްބެވި ބަޔަކަށް ވާތީ ކަމަށެވެ.

”ބޭނުމެއް ނޫން އެ ކައުންސިލްތަކާ އެކި ކަންކަމުގައި ވާހަކަ ދައްކަން ޖެހި، ވަގުތު ބޭކާރު ވެގެން ގޮސް، ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމުގަ، އެކި އެކި ލަސްތައްވާނެ.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ނަތީޖާ ނެރެން ކަމަށާއި، ވާހަކަފުޅު ދައްކަވަން ބޭނުންފުޅުވެލައްވަނީ ވެސް ނަތީޖާއިން ކަމަށެވެ.