ޗާގޮސް މައްސަލާގައި ސަރުކާރުގެ ސިޔާސަތު ކަނޑައެޅުމުގައި ސިޔާސީ ޕާޓީތައް ބައިވެރިކުރުމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން އެދިއްޖެއެވެ.
އެ ޕާޓީން ވަނީ މިކަމަށް އެދި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއަށް ސިޓީއެއް ފޮނުވައިފިއެވެ.
އެމްއެންޕީ އިން ފޮނުވި ސިޓީގައި ވަނީ ޗާގޮސް މައްސަލާގައި ސަރުކާރުން ނިންމުންތައް ނިންމުމުގެ ކުރިން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރުމަށް އެދިފައެވެ.
ޗާގޮސް މައްސަލާގައި ސަރުކާރުން ކަން ކުރަމުންދާ ގޮތުން ކަންބޮޑުވުން ފާޅުކޮށް އެމްއެންޕީ އިން ނެރުނު ބަޔާނެއްގައި ބުނީ މޮރިޝަސް ސަރުކާރަށް ދިވެހި ސަރުކާރުން ފޮނުވި ސިޓީ އާންމުކޮށްފައިނުވާ ކަމަށާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން އިޖާބަ ދީފައިނުވާ ކަމަށެވެ.
އެމްއެންޕީ އިން ބުނީ ދިވެހި ގައުމީ މަސްލަހަތު ދިފާއު ކުރުމަށް ދިވެހިންނަށް މިއަދު މަޖުބޫރުވެފައިވާ ކަމަށެވެ.
އެ މައްސަލައިގައި އެކި ސަރުކާރުތަކުން އަމަލުކުރި ގޮތް ދިވެހިންނަށް ނޭނގޭ ކަމަށާއި އެކަމުން ދޭހަ ވަނީ އެ މައްސަލައިގައި އެއްވެސް ސަރުކާރަކުން ރާއްޖޭގެ ގައުމީ މަސްލަހަތު އިސްކޮށްގެން މަސައްކަތް ކޮށްފައި ނުވާކަން ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ.
