ދުނިޔޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ މައުރަޒު ކަމަށްވާ އައިޓީބީ ބާލިން އަންނަ އަހަރު ހޯސްޓުކުރާ ގައުމަކަށް ރާއްޖެ ހަމަޖައްސައި، އެކަމުގެ ރަސްމީ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އައިޓީ ބާލިންގެ ރާއްޖޭގެ ސްޓޭންޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރީ ވިޒިޓް މޯލްޑިވްސްގެ ފަރާތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީއެވެ. އަދި މެސޭ ބާލިންގެ ފަރާތުން ސޮއިކުރީ ސީއީއޯ މާރިއޯ ޓާބިއަސްއެވެ.

އާއިޓީބީ ފެއަރ އަންނަ އަހަރު ހޯސްޓް ކުރާ ގައުމަކަށް ރާއްޖެ ހަމަޖެހިގެން ދިޔައިރު މީގެ 10 އަހަރު ކުރިން 2016 ވަނަ އަހަރުވެސް ރާއްޖެއިން ވަނީ އައިޓީބީ ބާލިން ހޯސްޓުކޮށްފައެވެ.

މި އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު ”ޕީއެސްއެމް ނިއުސް“އަށް ދެއްވ އިންޓަރވިއުގައި ޝިއުރީ ވިދާޅުވީ، މުޅި ދުނިޔޭގައިވެސް ފަތުރުވެރިކަމުގެ ދާއިރާއިން ބޭއްވޭ އެންމެ ބޮޑު އެއް ފެއަރ ހޯސްޓުކުރާ ގައުމަކަށް ދިވެހިރާއްޖެ ހަމަޖެހިގެން ދިޔައީ ފެއަރގައި ބައިވެރިވި އެހެން ގައުމުތަކާ ވާދަކޮށްގެން ކަމަށާއި، މިއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

ޝިއުރީ ވިދާޅުވީ ހޯސްޓް ކަންޓްރީގެ ހައިސިއްޔަތުން، މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތާއި، މައުރަޒުގެ ތެރޭގައި ބާއްވާ އެކި ހަރަކާތްތަކުގައި ރާއްޖެއަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށާއި،އަ އިޓީބީ ބާލިންގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި ވަރަށް ފުޅާ ދާއިރާއެއްގައި ތައްޔާރީތައް ވާނެ ކަމަށެވެ. އަދި މިއީ ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެ މަގުބޫލު ފަތުރުވެރި މަންޒިލްގެ ގޮތުގައި ދެމިއޮތުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށްވެސް ޝިއުރީ ވަނީ ފާހަގަކުރައްވައިފައެވެ.