”އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ މި ސަރުކާރުން“

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރުކަން ހާމަކުރައްވައި، ރައީސް ވިދާޅުވީ، މިއަދާއި ހަމައަށް އައިއިރުގައި، ނަތީޖާއިން މި ސަރުކާރުން އެކަން ދައްކުވައިދީފައިވާނެ ކަމުގައެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް މިއަދާއި ހަމައަށް އައިއިރުގައި ތަރައްގީކުރުމަށްޓަކައި ކުރެވުނު ކަމެއްވިއްޔާ ކުރައްވާފައިވާނީ މި ސަރުކާރުންކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

އެގޮތުން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ރޯދަ އިނާޔަތް ލިބޭގޮތް ހައްދަވައިދެއްވީވެސް މިސަރުކާރުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއަކީ ހުރިހާ ރައްޔިތުން ވޯޓުލައިގެން ހޮވާ، ފުލްޓައިމް އެގްޒެކެޓިވް މަޤާމަކަށް ބަދަލުކުރެއްވީވެސް މިސަރުކާރުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް، ކައުންސިލްގެ ބަޖެޓުން ލިބެމުންއައި ފަހެއް އިންސައްތައިގެ ބަދަލުގައި ދިހައެއް އިންސައްތައަށް ޑަބަލްކޮށްދެއްވީވެސް މިސަރުކާރުން ކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން ރޯދަ އިނާޔަތް ދެވޭނީ މި ބޮޑުކުރެވުނު ދިހައެއް އިންސައްތައިގެ ތެރެއިން ނޫންކަމަށާއި، ކައުންސިލްގެ ބަޖެޓުން ކަމުގައި ކަނޑައެޅުއްވީވެސް މިސަރުކާރުން ކަމުގައި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، ކޮމިޓީއަކަށް ހަދައިދިނީ މި ސަރުކާރުން ކަމުގައި ވިދާޅުވިއެވެ.

އެގޮތުން މިދިޔަ ދުވަސްތަކުގައި އަންހެނުން ބާރުވެރިކުރުވުމަށްޓަކައި އެކިއެކި ލޯނުތައް ދޫކުރުމުގެ މަސައްކަތާއި އެކި ގޮތްގޮތުން އިގުތިސޯދީ ގޮތުން ބާރުވެރިކުރުވުމަށްޓަކައި ކުރެވެން ހުރި ކަންކަން ކުރުމާއި އަދި މިއަހަރުގެ ތެރޭގައި އެގޮތުން ކުރިއަށް ގެންދަންހުރި ގިނަ ކަންތައްތަކެއް ތަރުތީބުކުރެވި، ރިޔާސީ ބަޔާނުގައިވެސް ބަޔާންކުރައްވާފައިވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރުމަކީ އަދި ވިމެން އެންޕަވަރމަންޓް މެއިންސްޓްރީމް ކޮށްދެއްވުމަކީ އެމަނިކުފާނުގެ ސިޔާސަތުކަމަށާއި ސަރުކާރުން މި ސިޔާސަތު ތަންފީޒު ކުރައްވަމުން ގެންދަވާނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.