ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި މުސްހަފްތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަލަށް ހުޅުވުނު މިސްކިތްތަކަށް ފޯރުކޮށްދީފިއެވެ.

އެގޮތުން މުސްހަފް ފޯރުކޮށްދެވިފައިވާ މިސްކިތްތަކަކީ މަސްޖިދު ޝަހީދު އުމަރު އަހުމަދު (ހއ. ދިއްދޫ އިސްލާމީ މަރުކަޒު)، މަސްޖިދުއް ސިއްދީގު (ޅ. ކުރެންދޫ)، މަސްޖިދުއްތައުބާ (ނ. މަނަދޫ)މ މަސްޖިދު ރައްޔާން (ސ. މަރަދޫ)، މަސްޖިދުލް ނޫރު (ށ. ފޯކައިދޫ)، މަސްޖިދުލް އިޚްލާސް (ޅ. އޮޅުވެލިފުށި)، ތުނޑީ ބަނދަރު މިސްކިތް (ލ. ގަން)، މަސްޖިދު ޒުވައިދާ އަހުމަދު (ހއ. އިހަވަންދޫ)، މަސްޖިދު އީމާން (ހުޅުމާލެ ފޭސް 2)، މަސްޖިދުލް ރަޙްމާ (އދ. އޮމަދޫ)، މަސްޖިދު މުހައްމަދު ގާސިމް (ނ. ކުޑަފަރި)، މަސްޖިިދު ޝަމީމާ އަބްދުﷲ (ނ. ކެނދިކުޅުދޫ)، މަސްޖިދުލް ސަލާމް (ލ. ގަން) އަދި މަސްޖިދު ޔޫސުފުލް ބަރުބަރީ (މާލެ ސިޓީ)އެވެ.

މި ރަމަޟާން މަހުގެ ކުރިއަށް މަސައްކަތް ނިންމާ މި މިސްކިތްތައް ހުޅުވާފައިވާއިރު، ކޮންމެ މިސްކިތަކަށް ސައުދީ އަރަބިއްޔާއިން ހަދިޔާކުރި މުސްހަފް ފޯރުކޮށްދީފައިވެއެވެ.

2025 ވަނަ އަހަރު ސައުދީ އަރަބިއްޔާއިން ވަނީ ދެބުރެއްގެ މަތިން ދިވެހިރާއްޖެއަށް 50،500 މުސްހަފު ހަދިޔާކޮށްފައެވެ. މި މުސްހަފުތައް ބެހުމަށް ހަމަޖެހިފައިވަނީ ކީރިތި ޤުރުއާން ހިތުދަސްކުރާ ކުލާސްތަކަށާއި މިސްކިތްތަކަށާއި އިސްލާމީ މަރުކަޒުތަކަށެވެ.

އެގޮތުން އެކި ޤުރުއާން ކުލާސްތަކަށް ވުޒާރާއިން އަންނަނީ މި މުސްހަފުތައް ހަދިޔާކުރަމުންނެވެ.

ސައުދީ އަރަބިއްޔާއިން މުސްޙަފް ހަދިޔާކުރުމަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ދެމެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދެއްވާކަން ހާމަވަގެންދާ ކަމެކެވެ.