ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ހިދުމަތް ދިނުމަށް ބޭނުން ކުރާ އެމްބިއުލާންސްތައް ދެމެހެއްޓެނިވި ގޮތެއްގައި މަރާމާތުކޮށް ބެލެހެއްޓުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ހަވާލުކޮށްފިއެވެ.

އެ މަސައްކަތް އެ ކުންފުންޏާ ހެލްތި މިނިސްޓްރީން ހަވާލު ކުރުމުގެ އެއްބަސްވުމުގައި ރޭ ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް އަބްދުﷲއެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ސީއީއޯ މުހައްމަދު މުއީނެވެ.

އެމްބިއުލާންސްތައް ބަލަހައްޓަން އެމްޕީއެލްއާ ހަވާލު ކުރިއިރު، ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން އެމްބިއުލާންސްތައް ރާއްޖެ ގެނައުމުގެ މަސައްކަތް ވެސް ސަރުކާރުން ހަވާލުކޮށްފައި އޮތީ އެ ކުންފުންޏާއެވެ.

އެމްޕީއެލާ ހަވާލުކޮށްގެން ގެނައި 56 އެމްބިއުލާންސް މިދިޔަ ޖެނުއަރީ މަހުގެ 17 ގައި ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައިވެއެވެ.