އެމެރިކާއާއި އިޒްރެއިލް އިސްވެއޮވެ އިރާނަށް ދެމުންގެންދާ ހަމަލާތަށް އެގައުމުގެ އާންމުން ދިރިއުޅޭ ދިހަހާސް ސަރަހައްދަކަށް އަމާޒު ކޮށްފައިވާކަމަށް އިރާނުން ބުނެފިއެވެ.

އިރާނުގެ ވެރިރަށް ތެހެރާނަށް ދެވުނު ވަރުގަދަ ހަމަލާތަކަކާއެކު މުޅި ސަރަހައްދު ގުގުމާލައިފައިވާކަމަށާއި، ހަނގުރާމަ ފެށުނުތާ 11 ދުވަސް ވެފައިވާއިރު، އެމެރިކާއާއި އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން ވަނީ އެ ގައުމުގެ އާންމުން ދިރިއުޅޭ 10،000 އެއްހާ ތަންތަނަށް ބޮން އަޅާފަކަމަށް އިރާނުން ބުނެފައިވެއެވެ.

މި ހަމަލާތަކުގައި މިހާތަނަށް 1,300 އަށްވުރެ ގިނަ އާންމުން މަރުވިއިރު، އިޒްރޭލުގެ ސިފައިން ވަނީ ލުބުނާނުގެ ބައިރޫތުގެ މެދުތެރޭގައި ހުރި އިމާރާތަކަށް ބޮން އަޅައި، އެ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ދީފަކަމަށްވެސް އިރާނުގެ އޮފިޝަލުން ބުނެފައިވެއެވެ.

އަދި ހިޒްބުﷲ އާއި އިޒްރޭލު ސިފައިންގެ މެދުގައި ވަރުގަދަ ހަމަލާތަކެއް ބަދަލުކުރެވެމުންދާއިރު، އީރާނުން ފޮނުވާލި މިސައިލްތައް އަމާޒުވެފައިވަނީ ތަލްއަވީވާއި އިޒްރޭލުގެ މެދުތެރޭ ސަރަހައްދުތަކަށް ކަމަށް އިރާނާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވެއެވެ.

އިރާނުގެ ރައްދު ހަމަލާތައް މެދުނުކެނޑި ކުރިއަށްދާއިރު، ފާއިތުވި ގަޑިއިރުތަކުގައި ކުވެއިތު، ސައޫދީ އަރަބިއްޔާ އަދި ޔޫއޭއީ އިން ވަނީ އެ ގައުމުތަކުގެ ވައިގެ ސަރަހައްދުން މިސައިލާއި ޑްރޯންތައް ހުއްޓުވާފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވެއެވެ.

އަދި ހޯރްމޫޒް ކަނޑުއޮޅިން ތެޔޮ އުފުލުމަށް ހުރަސްއެޅިއްޖެނަމަ އޭގެ ނަތީޖާ ވަރަށް ހިތިވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދިނުމާއި ގުޅިގެން، އެމެރިކާ ސިފައިން އީރާނުގެ ބޭނުންނުކޮށް ހުރި، މައިން ވަޅުލާ 16 އުޅަނދެއް ނައްތާލާފައިވާ ކަމަށް ރިޕޯޓްތަކުގައިވެއެވެ.

ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ހަމަޖެހުން ގެއްލިފައިވާއިރު އަވަށްޓެރި  ގައުމުތައް ކަމަށްވާ އިންޑިއާ، ބަންގްލަދޭޝް އަދި ޕާކިސްތާނުން އަންނީ ހަނގުރާމައިގެ ސަބަބުން ދުރު މުސްތަގުބަލަކަށް ލިބިދާނެ ގެއްލުންތަކުން އަރައިގަތުމަށް މިހާރުއްސުރެ ފިޔަވަޅު އަޅަމުންނެވެ. އެގޮތުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް މައްޗަށް ދިއުމާއި ގުޅިގެންނާއި ތެޔޮ ލިބުން ދަތިވުމުގެ ސަބަބުން އެގައުމު ތަކުން އަންނީ ތެޔޮބޭނުން ކުރާ މިންވަރު މަދުކުރުމަށް އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ.