ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތައް ގުޅިގެން، ހުޅުމާލޭ ފޭސް 2 ގައި މިއަދު ހަވީރު ”އަވައްޓެރި ރޯދަ ވީއްލުން“ މިއަދު ބާއްވާއިފިއެވެ.

އެޗްޑީސީން ބުނީ މި ރޯދަ ވީއްލުން ބޭއްވީ މިއަދު ހަވީރު 18:00 ޖަހާހިއރު ހުޅުމާލޭ ފޭސް 2 ގެ ހިޔާ ޕާކުގައި ކަމަށާއި، އަދި މިއީ، މި އަހަރުގެ ރޯދަ މަހު އެކޯޕަރޭޝަނުން އިސްނަގައިގެން ބާއްވާ މިފަދަ ތިންވަނަ ރޯދަ ވީއްލުން ކަމަށެވެ. 

އެޗްޑީސީ އަދި އެފްޑީސީ ގުޅިގެން މިއަހަރުގެ ފުރަތަމަ ރޯދަ ވީއްލުން ބޭއްވީ، ހުޅުމާލޭ ފޭސް 2 ގައި ތަރައްގީކޮށްފައިވާ އެފްޑީސީ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެންނެވެ.

އަދި އެއަށްފަހު، ހުޅުމާލޭ ފޭސް 1 ގެ ހުރަވީ ސްކޫލް ކުރިމަތީގައިވެސް ވަނީ މިފަދަ ރޯދަ ވީއްލުމެއް ބާއްވާފައެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ހުޅުމާލޭގެ ރައްޔިތުންނާއި އެޗްޑީސީ އަދި ނެއިބަހުޑް ޕޮލިސް ގުޅިގެން ކުރިއަށްގެންދާ ”އަވައްޓެރި ރޯދަ ވީއްލުން“ ހަރަކާތުގެ މަގުސަދަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ދިރުވުން ކަމުގައި އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

އެގޮތުން، އެޗްޑީސީއާއި ރައްޔިތުން ގުޅިގެން ފާއިތުވި ރަމްޟާން މަހުވެސް ވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އަވައްޓެރި ރޯދަ ވީއްލުންތައް ބާއްވާފައެވެ.

އެޗްޑީސީގެ އަމާޒަކީ ކުރިއަށްއޮތްތަނުގައިވެސް ހުޅުމާލޭގެ ރައްޔިތުންނާ ގުޅިގެން މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުން ކަމަށާއި އަދި ހުޅުމާލެއަކީ ގުޅުން ބަދަހި ރައްޔިތުން ދިރިއުޅޭ ހިތްފަސޭހަ ތަނަކަށް ހެދުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.