ރޯދައަށް ހުންނަ ވަގުތު ވަރުބަލިކަން ކުޑަކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތައް ތިރީގައި އެވަނީއެވެ.
ހާރުގަޑީގައި ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކުރުން
ހާރުގަޑީގައި ގިނަ ވަގުތު ހަކަތަ ހިފަހައްޓައިދޭ ކާނާ ކަމަށްވާ އޯޓްސް، ބާލީ، ގޮދަން، އަދި ފައިބަރު ގިނަ ތަރުކާރީ އާއި މޭވާ ހިމެނުން މުހިންމެވެ. މީގެ އިތުރުން ކަދުރު، ބިސް ނުވަތަ ކަނޑުމަސް ފަދަ ޕްރޮޓީން ހިމެނޭ ބާވަތްތައް ބޭނުންކުރުމުން ބަނޑުހައިވުން ލަސްކޮށްދީ ވަރުބަލިކަން ކުޑަކޮށްދެއެވެ.
ފެން ބުއިމާއި ހަށިގަނޑު ހައިޑްރޭޓްކޮށް ބެހެއްޓުން
ރޯދަ ވީއްލާ ވަގުތުން ފެށިގެން ހާރާ ހަމައަށް މަދު މަދުން ގިނަގިނައިން ފެން ބުއިމަށް ސަމާލުކަން ދޭންވާނެއެވެ. އެއްފަހަރާ މާގިނައިން ފެން ބުއިމުގެ ބަދަލުގައި ވަގުތު ބަހާލައިގެން ފެން ބުއިމުން ހަށިގަނޑުން ފެން މަދުވިޔަ ނުދީ ހިފެހެއްޓޭނެއެވެ. ކޮފީ އާއި ސައި ފަދަ ކެފިން ހުންނަ ބުއިންތައް މަދުކުރުމަކީ ވެސް މުހިންމު ކަމެކެވެ.
ނިދި ހަމަކުރުމާއި އަރާމުކުރުން
ރޭގަނޑު އަވަހަށް ނިދުމަށް އާދަކުރުމާއި، މެންދުރުފަހު ގާތްގަނޑަކަށް 20 މިނެޓާއި 30 މިނެޓާ ދެމެދުގެ ކުޑަ ނިދިކޮޅެއް (ޕަވަރ ނެޕް) ހޯދުމަކީ ވަރުބަލިކަން ފިލުވައިދީ ސިކުނޑި ތާޒާކޮށްދޭނެ ކަމެކެވެ.
ހަކުރު ގިނަ ކާނާ އާއި ތެޔޮ އެއްޗެހި މަދުކުރުން
ހަކުރު ގިނަ ބުއިންތަކާއި ތެޔޮ އެއްޗެހި ކެއުމުން ވަގުތުން ހަކަތަ ލިބުނު ކަމަށް އިހުސާސް ކުރެވުނަސް، މާ ގިނަ އިރު ނުވަނީސް ލޭގެ ހަކުރު ދަށްވެ ވަރުބަލިކަން އިތުރުވެއެވެ. އެހެންކަމުން މިފަދަ ތަކެތީގެ ބަދަލުގައި ތާޒާ މޭވާ ބޭނުންކުރުން ރަނގަޅެވެ.
އަވީގައި ގިނައިރު ނޫޅުން
ހޫނު ގަދަ ވަގުތުތަކުގައި ބޭރުގައި އުޅުމުން ހަށިގަނޑުން ފެން މަދުވެ ވަރުބަލިކަން އިތުރުވެއެވެ. އެހެންކަމުން ވީހާވެސް ބޮޑަކަށް ހިޔަލުގައި ނުވަތަ ފިނި ތަނެއްގައި ވަގުތު ހޭދަކުރުމަށް ސަމާލުކަން ދޭންވާނެއެވެ.
ލުއި ކަސްރަތު ކުރުން
މާ ބޮޑަށް ވަރުބަލިވާ ފަދަ ކަންކަން ކުރުމުގެ ބަދަލުގައި، ރޯދަ ވީއްލަން ކައިރިވުމުން ކުޑަކޮށް ހިނގާލުން ނުވަތަ ލުއި ކަސްރަތެއް ކޮށްލުމަކީ ހަށިގަނޑުގެ ލޭ ދައުރުވުން ރަނގަޅުކޮށްދީ ތާޒާކަން ގެނެސްދޭނެ ކަމެކެވެ.

