ވިހެއުމަށްފަހު ހަށިގަނޑަށް ނުހަނު ބޮޑެތި ބަދަލުތަށް އާދެއެވެ. ހީވެސް ނުކުރާ ފަދަ ގޮތަކަށް ދިރިއުޅުން ބައްޓަންވެގެންދެއެވެ. ވިހައިގެން ފުރަތަމަ ހަމަސް ދުވަހަކީ މަންމަ އަކަށް އެންމެ އުނދަގޫ ދުވަސްތަކެވެ.

ތުއްތު ދަރިފުޅުގެ ކަންތައްތައް ފުރިހަމަޔަށް ބަލަމުން އަމިއްލަ ހަށިގަނޑަށް އަޅާލަން މުޅިންހެން ހަނދާންނެތެއެވެ. ކައިރީގައި ތިބޭ މީހުންނަށް އިހުސާސް ނުވިއަސް އެކަނިމާއެކަނި އެވާ ވަރުބަލި ކަރުނައިގެ ސިފައިގައި ބޭރުވަނީވެސް މަދުފަހަރަކު ނޫނެވެ. ހަށިގަނޑުގެ ހޯމޯންސް ހަމަޔަކަށް އެޅުމަށް މަސައްކަތްކުރާ އެދަނޑިވަޅު މަންމަގެ އިހުސާސްތައް އެކި ފަހަރު އެކި ގޮތެވެ. އެކަން އިހުސާސް ވަނީ މަދުބަޔަކަށެވެ. މިހުރިހާ ކަމަކުން އަރައިގަތުމަށް ގިނަ ދުވަސްނަގާނެއެވެ. މިކަންކަމުން އަރައިގަތުމަށް މި ދުވަސްވަރު އަމިއްލަ ނަފްސަށް ވަގުތުހޯދާ ކަސްރަތު ކުރަން ފެށިދާނެއެވެ. ވިހެއުމަށްފަހު ކަސްރަތުކުރުން ނުވަތަ ޕޯސްޓްޕާރޓަމް ފިޓްނަސްއަކީ މައިމީހާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ނުހަނު މުހިއްމު ކަމެކެވެ.

މީގެ ސަބަބުން ހަށިގަނޑަށް ލިބޭ ބައެއް ފައިދާތަކުގެ ތެރޭގައި:

ހަށިގަނޑުގެ ބާރުގަދަކުރުން:

މާބަނޑު ދުވަސްވަރާއި ވިހެއުމުގެ ތެރޭގައި ބަލިކަށިވާ ބަނޑުގެ މަސްތަކާއި  އުނަގަނޑުގެ ތިރީގެ މަސްތައް ވަރުގަދަކޮށްދެއެވެ.

ހަކަތަ އިތުރުވުން:

ވިހެއުމަށްފަހު ވަރުބަލިކަން އިހުސާސްވުން އާންމުވި ނަމަވެސް، ގަވާއިދުން ކުރާ ކަސްރަތުގެ ސަބަބުން ހަށިގަނޑުގެ ހަކަތަ އިތުރުވެ، ދަރިފުޅު ބެލެހެއްޓުމަށް ބޭނުންވާ ބާރު ލިބިދެއެވެ.

ނަފްސާނީ ދުޅަހެޔޮކަން:

ކަސްރަތު ކުރުމަކީ ސްޓްރެސް ކުޑަކޮށްދީ، ވިހެއުމަށްފަހު ދިމާވާ ދެރަވުމުގެ އިހުސާސްތައް ނުވަތަ ޕޯސްޓްޕާރޓަމް ޑިޕްރެޝަންއިން ސަލާމަތްވުމަށް އެހީތެރިވެދޭ ކަމެކެވެ.

ނިދި ރަނގަޅުވުން:

ވިހައިގެން އުޅޭ ފުރަތަމަ ދުވަސްކޮޅު އެންމެ އުނދަގޫ އެއްކަމަކީ ނިދުމެވެ. ގިނަ ރޭރޭ ނިންޖާއި ނުލާ އުޅެންޖެހެނީ ވެސް މަދުފަހަރަކު ނޫނެވެ. ނަމަވެސް ކަސްރަތު ކުރާނަމަ ނިދުމަށް ފަސޭހަވެ، ނިދީގެ ފެންވަރު ރަނގަޅުވެއެވެ.

ބަރުދަން ލުއިވުން:

މާބަނޑު ދުވަސްވަރު އިތުރުވާ ބަރުދަން ލުއިކުރުމަށް ގިނަ ފަހަރު ބޭނުންވިޔަސް އެކަމަށް ވަގުތު ނުދެވެއެވެ. ވެފައި ހުންނަ ވަރުބައްޔަކާއި އަދި ދަރިފުޅަށް ވަގުތު ދިނުމުގެ ގޮތުން އެކަމާއި މާބޮޑަކަށް ނޫޅެވެއެވެ. ނަމަވެސް ކަސްރަތު ކުރުމަށް ވަގުތު ހުސްކުރުމަކީ، މާބަނޑު ދުވަސްވަރު އިތުރުވެގެންދިޔަ ބަރުދަން ލުއި ކުރުމަށް، ކޮންމެހެން ބޭނުންތެރި ކަމެކެވެ.