މާތްﷲ ފަރުޟު ކުރެއްވެވި ފަތިސް ނަމާދާ މީސްތަކުން ދުރުވެފައިވާ މިންވަރު ކިޔައިދެއްވަމުން ޝެއިޚު މުޙައްމަދު ބާޖޫރު، އެމަނިކުފާނު ދެއްވި ތަޤުރީރެއްގައި ވިދާޅުވިއެވެ.
މި ޒަމާނުގެ ކުޑަކުދިންނަށް ފަތިސް ނަމާދު ވަގުތު އޮޅިއްޖެއެވެ. ގެއެއްގެ ބަޔަކަށް ހެނދުނު 6 ޖަހާއިރު ހޭލެވިއްޖެނަމަ، ފަތިސް ނަމާދު ގަޑި އަކީ އެއީއެވެ. އަދި ބައެއް ފަހަރު ނުވައެއް ޖަހާއިރު ވެސް ފަތިސް ނަމާދު ކުރަން ތެދުވެދާނެއެވެ. ފަތިސް ނަމާދަކީ އޭގެ ވަގުތުގައި އަދާ ކުރުން ވަރަށް މުހިންމު ނަމާދެއްކަން ފާހަގަކުރައްވައި، ޝެއިޚް ވިދާޅުވީ، އެ ނަމާދު ވަގުތުގައި އަދާ ކުރާ މީހާ ވަނީ މާތްﷲގެ ރައްކާތެރިކަމުގެ ދަށުގައި ކަމަށެވެ. ﷲގެ ރައްކާތެރިކަން ލިބިއްޖެ މީހަކަށް ގެއްލުމެއް ދެވޭނީ ކާކަށް ހެއްޔެވެ؟ އެއަށްވުރެ ބޮޑު ނިއުމަތެއް ލިބޭނެ ހެއްޔެވެ؟
މާތް ރަސްކަލާނގެ އެންގެވީ ފަތިސް ނަމާދު ފަތިހުގައި ކުރާށެވެ. އެއީ ތިބާއަށް ހޭލެވުނުއިރަކުން ކުރަން އޮތް ނަމާދެއް ނޫނެވެ. ތިބާގެ ވެރި ރައްބު އެންގެވި ގަޑި ދޫކޮށް، ބޭނުން އިރަކުން އެ ނަމާދު ކުރާނަމަ، ތިބާއަށް މާތްﷲއަށް ކިޔަމަންތެރިވުން މުހިންމު ނުވަނީއެވެ.
ޝެއިޚް ބާޖޫރު ވިދާޅުވީ ”އަލް ފަޖްރު“ގެ ނަމުގައި ކީރިތި ޤުރުއާނުގައި ސޫރަތެއް ބާއްވައިލައްވައިފައި ވުމަކީ، މި ނަމާދުގެ މަތިވެރިކަން އަންގައިދޭ ކަމެއް ކަމުގައެވެ. އެއީ އަހަރުމެންގެ މާތް ނަބިއްޔާ މުޙައްމަދު (ސ.ޢ.ވ) ސުވަރުގެވަޑައިގެންނެވުމުގެ ކުރިން ކުރެއްވި އެންމެ ފަހު ނަމާދެވެ. އަދި ހުކުރު ދުވަހު ފަތިސް ނަމާދު ޖަމާޢަތުގައި ކުރުމަކީ މާތްﷲގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަމަލުކަމަށް ވެސް ޝެއިޚު ވިދާޅުވިއެވެ.
އަދި ފަތިސް ނަމާދުގައި ކިޔެވޭ ޤުރުއާން އަޑުއެހުމަށް މަލާާއިކަތުން ހަތް ވަނަ އުޑުން ތިރިއަށް ފައިބައިވަޑައިގެންނެވުމަށް މާތްﷲ އަންގަވާފައިވާކަންވެސް ޝެއިޚް ފާހަގަކުރެއްވިއެވެ.
ފަތިސް ނަމާދަށް ހެކިިވެވަޑައިގަތުމަށް ހަތްވަނަ އުޑުން މަލާއިކަތުން ބިމަށް ފައިބައިވަޑައިގަންނަވާއިރު، ތިބާއަށް ގަދަ ނިދީގައި، ގުގުރިީގައި އޮންނަން ކެރެނީ ކިހިނެއްތޯ ޝެއިޚް ވަނީ ސުވާލު އައްސަވައިފައެވެ.
ކިރިތި ޤުރުއާނުގައި މާތް ﷲ ވަޙިކުރެއްވިއެވެ.
(أَقِمِ الصَّلَوةَ لِدُلُوْكِ الشَّمْسِ إِلَى غَسَقِ الَّيْلِ وَقُرْءَانَ الفَجْرِ إِنَّ قُرْءَانَ الفَجْرِ كَانَ مَشْهُوْدَا ) (الإسراء 78)
މާނައީ: “އިރުމެދުން ފިލުމުން ރޭގަނޑުގެ އަނދިރިކަން އަންނަ ވަގުތާއި ހަމައަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ. (އެބަހީ މެންދުރު ނަމާދާއި ޢަޞުރުނަމާދާއި މަޣުރިބްނަމާދާއި ޢިޝާނަމާދެވެ.) އަދި ފަތިސްނަމާދު ކުރައްވާށެވެ. ހަމަކަށަވަރުން ފަތިސްނަމާދަކީ (ރޭގަނޑު އިންސާނާ ބަލަހަށްޓަވާ މަލާއިކަތުންނާއި ދުވާލު އޭނާބަލަހަށްޓަވާ މަލާއިކަތް ބޭކަލުންގެ ފަރާތް ޕުޅުން) ހެކި ލިބިގެންވާ ނަމާދެކެވެ.”
މިއާޔަތުގައި ފަތިސްނަމާދަށް ނަންދެވިފައި އެވަނީ “ޤުރުއާނުލް ފަޖްރި” ގެ ނަމުންނެވެ. އެނަމުން ނަންދެވިފައިވަނީ އެހެނިހެން ނަމާދުތަކާއި ޚިލާފަށް ފަތިސްނަމާދުގައި ތަންކޮޅެއް ދިގުކޮށް ޤުރުއާން ކިޔެވުން މުސްތަޙައްބު ވެފައިވާތީއެވެ. މިއާޔަތުން އެނގޭ ގޮތުގައި ފަތިސް ނަމާދު ކުރާމީހާއަށް ﷲ ގެ ޙަޟްރަތުގައި އެކަލާނގެ މަލާއިކަތުން އޭނާ ފަތިސްނަމާދު ކުރާކަމަށް ހެކިވެ ވަޑައިގަންނަވާނެތެވެ. މިއަށްވުރެ ވަކި މަތިވެރި ފަޚްރަކާއި ޝަރަފް އިންސާނަކަށް ލިބޭނެތޯއެވެ؟
މަޚްޝަރު ދުވަހުގައި ކޮންމެ އިންސާނަކަށް ވެސް ސިރާތު މަގު ހުރަސް ކުރަން ޖެހޭނެއެވެ. އެއީ އިސްތަށްޓެެއްހައި ހަނި، ކަނޑިއެއްހައި ތޫނު މަގެއްކަން އަހަރުމެންނަށް ވަނީ އަންގަވައިފައެވެ. އެ މަގުގެ ވަށައިގެން ވާނީ ކަނު އަނދިރި ކަމެވެ. ޝެއިޚް މުޙައްމަދު ބާޖޫރު ވިދާޅުވީ، އެ ދުވަހުން، ޖަމާއަތުގައި އިޝާ ނަމާދާއި ފަތިސް ނަމާދު ކުރި މީހުންނަށް އަލިކަމެއް ދެވޭނެ ކަމަށް މާތް ނަބިއްޔާ އަންގަވައިފައިވާ ކަމަށެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
“بَشِّرِ المشَّائينَ في الظُّلَمِ إلى المسَاجدِ بِالنُّورِ التَّامِ يَوْمَ القِيامَةِ” (أخرجه الترمذي وأبو داوود)
މާނައީ: “މިސްކިތްތަކަށް އަނދިރީގައި ހިނގާފައިދާ މީހުންނަށް، ޤިޔާމަތްދުވަހުގައި ފުރިހަމަ ނޫރެއް ވާކަމުގެ އުފާވެރި ޚަބަރު ދޭށެވެ.”
އެއީ ކާމިޔާބު ލިބިގެންވާ ބައެކެވެ. އެއީ މޫނުތައް އަލިވެގެންވާ ބައެކެވެ. އެމީހުންގެ ނިތްކުރިތަކުގެ ވިދުން ގަދަ ވެގެންވާ ބައެކެވެ. އެއީ އެމީހުންގެ ވަގުތުތަކުގައި ބަރަކާތް ލެއްވިގެންވާ ބައެކެވެ.
ތިބާއަކީ އެމީހުންގެ ތެރެއިންވާ މީހެއް ނަމަ، އެމަތިވެރި ނިޢުމަތަށް، ﷲއަށް ހަމްދު ކުރާށެވެ. އަދި ތިބާއަކީ އެމީހުންގެ ތެރެއިންވާ މީހެއް ނޫންނަމަ، ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާ އެމީހުންގެ ތެރެއިން ލެއްވުމެވެ. އެއީ ކޮންބައެއްކަން ތިބާއަށް އެނގޭހެއްޔެވެ؟
އެއީ ފަތިސް ނަމާދު ކުރުމުގައި ދެމިތިބޭ މީހުންނެވެ.

