ވަޒީފާގެ ގާނޫނަށް ގެނައި އިސްލާހަކީ ވަޒީފާ އަދާކުރާ މައިންނަށް އެމީހުންގެ މަސައްކަތާއި އާއިލީ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ދަރިންނަށް ދެ އަހަރު ފުރެންދެން، އަންހެން މުވައްޒަފުންނަށް ކޮންމެ ދުވަހަކު ހުސް ވަގުތު ދޭންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރި ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއި ގުޅިގެން އެކަމަނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެކަމަނާ ވަނީ ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙުގެ ދަށުން، ކުއްޖާއަށް ދެ އަހަރު ފުރެންދެން ކުއްޖާ ބެލުމަށްޓަކައި ވަޒީފާއިން ހުސްވަގުތު ދިނުމަށް ނިންމި ނިންމުމަށް އަޅުގަނޑު ވަރަށް ބޮޑަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި އެއީ ވަޒީފާ އަދާކުރާ މައިންނަށް އެމީހުންގެ މަސައްކަތާއި އާއިލީ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއްކަން މެޑަމް ވަނީ ފާހަގަކުރައްވާފައެވެ.
މެޑަމްގެ ޕޯސްޓްގައި އިތުރަށް ބުނެފައިވަނީ މި ބަދަލުގެ ސަބަބުން މައިންގެ ދުޅަހެޔޮކަން އިތުރުވުމަށް މަގުފަހިވުމުގެ އިތުރުން، ދަރިފުޅަށް ގާތުން ކިރުދިނުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ބާރުލިބިގެންދާނެ ކަމަށެވެ.
އަދި މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ކަނޑައަޅާފައިވާ ކާނާގެ ދުޅަހެޔޮކަމުގެ ބައިނަލްއަޤުވާމީ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަމަށް ވެސް މެޑަމް ސާޖިދާ ވަނީ ވިދާޅުވެފައެވެ.
މީގެ ކުރިން ވަޒީފާ އާ ބެހޭ ގާނޫނު ކުރިން އޮތް ގޮތުން އަންހެން މުވައްޒަފުންނަށް 30 މިނިޓްގެ ހުސްވަގުތު ދުވާލަކު ދެ ފަހަރު ދޭންޖެހެނީ ދަރިފުޅަށް އެއްހަރުވަންދެނެވެ. ނަމަވެސް މި އިސްލާހާއި އެކު މި ހުސްވަގުތު ދަރިފުޅަށް ދެ އަހަރުވަންދެން ދޭންޖެހެއެވެ.
މަޖިލީހަށް މި އިސްލާހު ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ޝަމީޒްއެވެ.
މަޖިލީހުން މިއިސްލާހު ފާސްކޮށްފައިވަނީ މި މަހުގެ 8 ވަނަ ދުވަހުގައެވެ.

