ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެއްވެސް މާއްދާއަކަށް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމުގެ ކުރިން އެ އިސްލާހެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ރައްޔިތުން ގާތުގައި އަހަންވީ ކޮން ސުވާލެއްތޯ ނުވަތަ އެ ސުވާލުގެ އިބާރާތް އޮންނަންވީ ވަކި ގޮތެއް ގާނޫނުއަސާސީގައި ނުވަތަ އެއްވެސް ގާނޫނެއްގައި ވެސް ބަޔާންކޮށްފައިނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އަހްމަދު ހިޝާމް ވަޖީހު ވިދާޅުވެއްޖެއެވެ.
ހިޝާމް މިފަދައިން ވިދާޅުވެފައި މިވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން ނެގުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓާއި ގުޅިގެން ގާނޫނަށް އަންނާނެ އިސްލާހުތައް އެ ސުވާލުގައި ރައްޔިތުންނަށް ސާފުނުވާ ކަމަށް އިދިކޮޅު ފަރާތްތަކުން ވާހަކަދައްކަމުން އަންނަ ދަނޑިވަޅެއްގައި ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ހިޝާމް ވިދާޅުވީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މާއްދާއަކަށް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކުރާ ހާލަތުގައި އެ ބިލެއް ތަސްދީގުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް އާންމު ވޯޓެއް ނެގުމަށް ކުރާ ސުވާލަކީ ”އާނއެކޭ“ ނުވަތަ ”ނޫނެކޭ“ ބުނެވޭގޮތަށް ފަރުމާކުރެވިފައިވާ ސުވާލެއް ކަމުގައި ދެކޭ ކަމަށެވެ.
ކޮންމެ ގޮތަކަށް އެ ސުވާލު ފަރުމާކުރިނަމަވެސް ގާނޫނުއަސާސީއަށް ގެނެވޭ އިސްލާހާ ގުޅޭ އެންމެހައި ތަފްސީލް ސުވާލުގައި ހިމެނުމަކީ އެކަން ކުރެވިދާނެ ގޮތްކަމުގައި ނުދެކޭ ކަމަށް ހިޝާމް ވިދާޅުވިއެވެ.
އަދި އެ އިސްލާހުގެ މައުޟޫއުގެ ތެރޭގައި ދާ ރައްޔިތުންނަށް ސާފުވާގޮތަށް އޮތް ސުވާލެއްގެ ސައްހަކަމާމެދު ސުވާލުއުފައްދާނަމަ އޭގެ ގާނޫނީ އަސާސްވެސް ދައްކަންވާނެ ކަމަށް ފެނޭ ކަމަށް ހިޝާމް ވިދާޅުވިއެވެ.
ހިޝާމް ވިދާޅުވީ ފެންނަ ނުފެންނަ ވޯޓުގައި ކުރެވޭ ސުވާލެއްގެ ދުސްތޫރީ ސައްހަކަން ކަނޑައެޅުމުގެ މިންގަނޑަކީ ސިޔާސީ ގޮތުން އެންމެން އެއްބަސްވާ ނުވަތަ ރުހޭ ކަމަކަށް ވުމެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި ބަލަންޖެހޭނީ އެ ސުވާލަކީ ރައްޔިތުންގެ ރުހުން ހޯދުމަށް ގާނޫނީގޮތުން ހުއްދަ ދާއިރާއެއްގެ ތެރޭގައި ހިމެނޭ ކަމެއްތޯއާއި، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އިޖުރާއީ ހަމަތަކާ އެއްގޮތަށް ކުރިއަށްގެންދާ ކަމެއްތޯ ކަމަށެވެ.
އަދި ފެންނަ ނުފެންނަ ވޯޓަކީ އޭގެ ޒާތުގައި ރައްޔިތުން އެދޭ ގޮތް ނުވަތަ ރައްޔިތުންގެ ބަސް ދެނެގަތުމަށް ބާއްވާ ކަމެއް ކަމަށާއި، އެހެންކަމުން އެ ސުވާލަކީ ގާނޫނުއަސާސީގައި ސާފުކޮށް މަނާކޮށްފައިވާ ކަމަކަށް ވުމުން، ނުވަތަ ދުސްތޫރީ އިސްލާހުތައް ގެނައުމުގެ އިޖުރާތަކާ ހިލާފުވުމުން، ނުވަތަ ރައްޔިތުންނަށް އޮޅުން އަރާ ސުވާލަކަށްވުން ފަދަ ކަމެއް ސާބިތުކޮށް ނުދެވޭހާ ހިނދަކު އެއީ ގާނޫނުއަސާސީއާއި ހިލާފުކަމެއް ކަމަށް ބުނުމަކީ ގާނޫނީ ބުރަދަނެއް ނެތް ވާހަކައެއް ކަމަށް ހިޝާމް ވިދާޅުވިއެވެ.
މީގެ އިތުރުން މިކަމުގައި ބަލަންޖެހޭ ހަގީގީ މިންގަނޑަކީ ސިޔާސީގޮތުން އުފެދޭ ހިޔާލުތަފާތުވުންތަކެއް ނޫންކަމަށާއި، އޭގެ ބަދަލުގައި އިސްކަންދޭން ޖެހޭނީ އެ ސުވާލެއްގެ ސާފުކަމާއި ވަކި ފަރާތަކަށް ނުޖެހޭ މިންވަރަށާއި ގާނޫނި ހަމަތަކުގެ މައްޗަށް އެކަން ބިނާވެފައިވާ މިންވަރަށް ކަމަށް ހިޝާމް ވިދާޅުވިއެވެ.
ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލުގައި“ ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު 5 އަހަރަށްވުރެ ކުރުކުރުމަށް ”ހިމަނާފައިވާތީވެ މިހާރު ހިނމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ކުރުކުރަން ފެނޭ ހެއްޔެވެ؟“ މިގޮތަށް ސުވާލު ކުރިނަމަވެސް، އޭގައި މުހިއްމު މައުލޫމާތު މަދު ކަމަށް ހިޝާމް ވިދާޅުވިއެވެ. އަދި މި އިސްލާހުގެ މަގުސަދަކީ ނުވަތަ ނަތީޖާއަކީ، ކޮބައިކަން އެގޮތަށް، ލިޔުމުން ސާފުވޭތޯއާއި ސުވާލުގެ މަގުސަދާއި ނަތީޖާ ސާފު ނުވާގޮތަށް ސުވާލު އޮތުމުން، ރައްޔިތުންނަށް އޮޅޭ ގޮތަށް، ސުވާލުކޮށް ވޯޓެއް ނަގަނީކަމަށް ބުނުމުގެ ޖާގަ އޭރުން މާ ބޮޑަށް އޮންނާނެ ކަމަށް ހިޝާމް ވިދާޅުވިއެވެ.
ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ މަގުސަދަކީ ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުންކަމަށް ވެފައި އެ އިސްލާހު ތަސައްވުރުކުރާ ނަތީޖާއަކީ އެއީ ކަމަށްވާއިރު، ސީދާ އެކަން ސާފުވާގޮތަށް ސުވާލު އިބާރާތްކުރުމަކީ މުހިއްމު ކަމެއްކަމުގައި ދެކޭ ކަމަށް ވެސް ހިޝާމް ވިދާޅުވިއެވެ.
އަދި ރައިސުލްޖުމްހޫރިއްޔާގެ ގަރާރުގައި މިހާރު ސުވާލުގެ އިބާރާތް އޮތް ގޮތުން އެކަން ސާފުވާކަމަށް ދެކޭ ކަމަށާއި، ގާނޫނުއަސާސީގެ 8 ވަނަ އިސްލާހު ގެނައުމުގެ ބިލުގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލާ ރައްޔިތުން ރުހޭތޯ ސާފުކޮށް ސުވާލުކުރެވޭ ކަމަށް ވެސް ދެކޭ ކަމަށް ހިޝާމް ވިދާޅުވިއެވެ.
އަލަށް ތައާރުފު ކުރެވޭ އުމުރު ގުނުމުގެ އުސޫލަކީ 1 ޑިސެންބަރުން ފެށިގެން 5 އަހަރު ދުވަސްކަމާއި، އަދި އެގޮތަށް އުމުރު ގުނަން ފަށާނީ މިހާރު، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު 1 ޑިސެންބަރު 2028 ގައި، ހަމަވުމުން އެ ތާރީހުން ފެށިގެންކަމަށް ބިލުގައި ބައާންކޮށްފައި އޮތްއިރު، ސުވާލުގައި ހަމައެކަނި މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ކުރުކުރަން ފެނޭތޯ އެހުމުން، އަނެއްކާވެސް ރައްޔިތުން ގާތުން ސުވާރު އެ ކުރެވެނީ މި ގެނެވޭ އިސްލާހުގެ ފުރިހަމަ މަންޒަރު ވަންހަނާވާ ގޮތަށްކަމަށް ހިޝާމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން ބިލު ފާސްކޮށްފައިވާކަމާއި، ރައިސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރުން ހިމެނޭ ގޮތުން، ސުވާލު ބައްޓަންކޮށްފައި އޮތީ ރައްޔިތުންނަށް ބިލުގެ މަސައްކަތް ގޮސްފައި އޮތް ހިސާބު ސާފުވާނެ ގޮތަށް ސުވާލު ކުރުމަށް ކަމަށް ހިޝާމް ވިދާޅުވިއެވެ.
އެކަމަކީ، ސުވާލުގެ މައުޟޫއު އޮޅޭ ކަމެއް ނޫން ކަމަށާއި، އަދި ރައްޔިތުންނަށް އެ ވޯޓުގެ ނަތީޖާއެއްގެ ގޮތުން ވާނީ ކޮންކަމެއްކަން ނުވަތަ ދެން ހިނގާނީ ކޮން މަރުހަލާއެއްކަން ސާފުވެގެންދާ ކަމަށް ހިޝާމް ވިދާޅުވިއެވެ.
ގޮތުން އެފަދަ ސުވާލެއް ސައްހަވުމުގައި އެންމެ، 3 މުހިއްމީ، އެ ސުވާލަކީ ޤާނޫނުއަސާސީއަށް، ގެނެވޭ އިސްލާހު ސާފުކޮށް ސާދާކޮށް ބަޔާންކޮށް ވަކި އަތަކަށް ބުރަނުވާ ގޮތަށް އޮންނަ ސުވާލަކަށްވުން ކަމަށާއި، މި ކަންކަން ރައީސްގެ ގަރާރުގައި އޮތް ސުވާލުގައި މިހާރުވެސް ފުރިހަމަވާކަމަށް ދެކޭ ކަމަށް ހިޝާމް ވިދާޅުވިއެވެ.

