ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާނަމަ ސަރުކާރު ޖަވާބުދާރީކުރެވޭނެ މަޖިލީހެއް ލިބެން ފުރުސަތު ފަހިވާނެ ކަމަށް ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިފަދައިން ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ނަގާ ފެންނަ ނުފެންނަ ވޯޓަކީ ވެރިން ރައްޔިތުންގެ ގާތަށް އަންނަ އައުން މަދުކުރަން ޖަހާ ޗައްކަރެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި މީހަކު ކޮށްފައިވާ ޕޯސްޓަކަށް ރައްދުދެއްވަމުންނެވެ.

ދިޔާނާ ވިދާޅުވީ އެވާހަކަ ގަބޫލުކުރަން ދަތިކަމަށެވެ. އަދި އޭގެ ސަބަބު އޭނާ ވަނީ ބަޔާންކޮށްދެއްވާފައެވެ.

ދިޔާނާ ވިދާޅުވީ ރައްޔިތުންނާ ގާތުން ހިދުމަތް ލިބިދިނުން ފަހިކޮށްދިނުމަށްޓަކައި ރާއްޖޭގެ ހިންގުން ވަނީ ގާނޫނުއަސާސީންނާއި ގާނޫނުން ލާމަރުކަޒުކުރެވި، ރައްޔިތުން އިންތިހާބުކުރާ ކައުންސިލްތަކުގެ ދައުރު ފުޅާކުރެވި ބާރުތައް ”ޑިސޯލް“ ކުރެވިފައި ކަމަށެވެ. އަދި ވުޒާރާތަކާއި ދެމެދު ފާލަން އެޅިފައިވާކަމަށާއި، މީގެ އިތުރުން ރައްޔިތުންގެ އަޑު ވަގުތުން އިއްވޭނެ އެތައް ވަސީލަތެއް ގާއިމްކުރެވިފައިވާ ކަމަށް ދިޔާނާ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ މިހާރު އެންމެ ބޮޑު މައްސަލައަކަށް ނިޒާމުގައި އުޅެނީ ރައްޔިތުންގެ ބޭނުންތަކަށް އެދެވޭ ގޮތުގައި ވަކާލާތު ކޮށްދޭނެ އަދި ސަރުކާރު ޖަވާބުދާރީ ކުރެވޭނެ މަޖިލިސް މިހާރު މިއޮތް އިންތިހާބީ ނިޒާމުން ލިބިނުގަނެވި އޮތުން ކަމަށެވެ. އަދި ފެންނަ ނުފެންނަ ވޯޓުން މަސައްކަތް ކުރަނީ އެކަމަށް ހައްލެއް ހޯދުމަށް ކަމަށް ދިޔާނާ ވިދާޅުވިއެވެ.

ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން ރާއްޖޭގެ ގިނަ ސިޔާސީ ޕާޓީތަކުން ވެސް ތާއީދުކޮށްފައިވާއިރު، ކުރީގައި ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މިކަމަށް ތާއީދުކުރައްވާފައެވެ. މިކަމާ އެންމެ ބޮޑަށް އިދިކޮޅު ހަދަމުން އަންނަ އެމްޑީޕީން އިދިކޮޅު ހަދަމުން ދަނީ، ރައްޔިތުންގެ މަޖިލީހުގެ ދައުރުން ހަ މަސްދުވަސް އެ ބޭފުޅުންނަށް ގެއްލޭނެތީކަމަސް ސަރުކާރު ހިންގާ ޕީއެންސީން ވަނީ ބުނެފައެވެ. އަދި ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ރައްޔިތުންނަށް ލިބޭނެ ގެއްލުމެއް އެމްޑީޕީއަށް ކިޔައި ނުދެވޭނެ ކަމަށް ޕީއެންސީން އަންނަނީ ބުނަމުންނެވެ.

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާއި އެކުއެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލަކީ: ”ރިޔާސީ އިންތިހ-ބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ ”ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު“ ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟“