ނިއު ޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ދިވެހިރާއްޖޭގެ ތުނޑު ކުނަލެއް ބަހައްޓައިފިއެވެ.

ހާރިޖީ ވުޒާރާއިން ބުނީ މި ތުނޑު ކުނަލަކީ ދިވެހިރާއްޖެއިން އދ. ގެ މައި މަރުކަޒަށް ހަދިޔާ ކުރި ހަނދާނީ ހަދިޔާއެއް ކަމަށެވެ.

ރާއްޖޭގެ ތުނޑު ކުނަލެއް އދ. ގެ މައި މަރުކަޒުގައި ބެހެއްޓުމަށް ނިންމެވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހުގެ ޖަލްސާ އަށް ނިއު ޔޯކަށް ކުރެއްވި ޒިޔާރަތުގައެވެ.

އދ. ގެ މައި މަރުކަޒުގައި ބަހައްޓާ ތުނޑުކުނާ، އިއްޔެ އދ. ގެ މައިމަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި އިފްތިތާހުކޮށްދެއްވީ ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ކަމަށް ހާރިޖީ ވުޒާރާއިން ބުންޏެވެ.

ވުޒާރާއިން ބުނީ މިއީ ރާއްޖޭގެ އުފެއްދުމެއް އދ.ގައި ބެހެއްޓި ފުރަތަމަ ފަހަރު ކަމަށެވެ.

މި ތުނޑުކުނަލަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި، ދިވެހިރާއްޖެ، އދ. ގެ މެންބަރަކަށް ވީތާ 60 އަހަރު ފުރުމުގެ ހަނދާނުގައި އދ. ގެ މައި މަރުކަޒުގައި ދިވެހި ފަންނުވެރިކަން ދައްކާލުމަށް ތައްޔާރު ކުރެވުނު ކުނަލެއް ކަމަށް ވުޒާރާއިން ބުންޏެވެ.