ޒަކާތު ފަންޑުން ”ޒަކާތު ނަފާ“ ގެ ނަމުގައި އެހީގެ ޕްރޮގްރާމެއް ފަށަން ނިންމައި އޭގެ ދަށުން މާލީ ފުދުންތެރިކަން ކުޑަ އާއިލާތަކަށް 150،000ރ. ހަރަދު ކުރެވޭ ގޮތަށް އުސޫލެއް މިއަދު އާންމުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ”ޒަކާތު ނަފާ“ ގެ ދަށުން އެހީ ދޭނީ އެ މިނިސްޓްރީގެ ”ފަގީރުންނާއި މިސްކީނުންގެ ދަފުތަރު“ ގައި ރަޖިސްޓަރީކޮށްފައިވާ މީހުންނަށް އެކަނި ކަމަށާއި މިއީ މާލީ އެހީތެރިކަން ދިނުމަށް އިސްލާމިކް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން މި އަހަރުގެ ފެބްރުއަރީ 28 ގައި ފެށި ޕްރޮގްރާމެއް ކަމަށެވެ.
”ޒަކާތު ނަފާ“ ހިންގާނެ ގޮތުގެ އުސޫލުގައިވާ ގޮތުން އެ ފްރޮގްރާމުގެ ތެރެއިން ޒަކާތު ފަންޑުން ހަރަދު ކުރެވޭނީ، އާއިލާއަކަށް ގިނަވެގެން 150،000ރ. އެވެ. އެކަމަކު އެ އަދަދުގެ އިތުރުން، އެސްއެމްއީ ފަންޑު މެދުވެރިކޮށް އަނބުރާ ދައްކާ ގޮތަށް، އިންޓްރަސްޓް ނުހިމެނޭ ލޯނެއްގެ ގޮތުގައި ވަކި ވަރެއްގެ އެހީގެ ގޮތުގައި ހަމަޖައްސައި ދެވިދާނެއެވެ.
”ޒަކާތު ނަފާ“ ޕްރޮގްރާމަށް ބަޖެޓް ކަނޑައަޅާނެ ގޮތާއި އެ ޕްރޮގްރާމްގެ ބައިވެރިންގެ ޒިންމާތަކާއި އެ ޕްރޮގްރާމުގެ ދަށުން އެހީ ލިބޭ މީހުން ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތާއި އެހީގެ ގޮތުގައި ދޭނެ އަދަދު ކަނޑައަޅާނެ ގޮތާ އަދި އެ ޕްރޮގްރާމް ފިޔަވަހިތަކަށް ބަހާފައިވާ ގޮތް އެ އުސޫލުގައި ބަޔާންކޮށްފައި ވެއެވެ. އަދި އެކަން މެނޭޖު ކުރުމަށް ހާއްސަ ކޮމެޓީއެއް އެކުލަވާލާފައިވެއެވެ.
އެގޮތުން ރާވައި، ހިންގައި، ތަންފީޒުކުރުމުގައި އިސްދައުރު އަދާކުރާ ”އިމްޕްލިމަންޓިން އެޖެންސީ“ އަކީ އިސްލާމިކް މިނިސްޓްރީއެވެ.
އެ ޕްރޮގްރާމް ހިންގުމަށް މިނިސްޓްރީން ނުވަ މެމްބަރުން ހިމެނޭ ހާއްސަ ސްޓިއަރިން ކޮމެޓީއެއް އުފައްދަން ޖެހެއެވެ. އެ ކޮމެޓީގައި ތިބޭނީ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ތިން މެމްބަރަކާއި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ދެ މެމްބަރަކާއި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ މެމްބަރަކާއި ބިޒްނަސް ސެންޓަ ކޯޕަރޭޝަންގެ މެމްބަރަކާއި އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަންގެ މެމްބަރެއްގެ އިތުރުން އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ މެމްބަރެކެވެ.
