ރާއްޖޭގެ އެއްވެސް ތަނެއް މިލިޓަރީ ބޭނުމަކަށް ނުލިބޭނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމެރިކާއާއި އިޒްރޭލުން އިސްވެ އޮވެ އީރާނަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކުރައްވާ ރައީސް ވިދާޅުވީ އެއްވެސް ގައުމެއްގެ މިނިވަންކަމާއި އިސްތިގުލާލު ނަގާލާގޮތަށް ހަމަލާ ދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، އަދި އެއީ ކޮށްގެންވާނެ ކަމެއްވެސް ނޫންކަމަށެވެ. އަދި އެ ކަންތައް މިހާރުން މިހާރަށް ހުއްޓާލުމަށް ރައީސް ވަނީ ގޮވައިލައްވައިފައެވެ.
”އިޒްރޭލަކީ މި ސަރުކާރުންވެސް އަދި ދިވެހި ރައްޔިތުންވެސް އެއްވެސް ވަރަކަށް ބަލައިގަންނަ ބައެއް ނޫން. ފަލަސްތީނުގެ ރައްޔިތުންނަށް މިއަދާ ހަމަޔަށް އައި އިރުގައި ކުރިމަތިކުރަމުން އައި ނިކަމެތި ކަމަކީ ރައްޔިތުން އެއްވެސް ގޮތަކަށްވެސް މާފުކުރާނެ ކަމެއް ނޫން. އެހެންވީމަ ދިވެހި ސަރުކާރުގައި އޮންނާނީ ވަރަށް ސާފު ސިޔާސަތެއް އިޒްރޭލުގެ މައްސަލައިގަ“ ރައީސް ވިދާޅުވިއެވެ.
މުސްލިމު އެއްވެސް ގައުމަކަށް ދޭ ހަމަލާއެއް ބަލައިނުގަންނާނެ ކަމަށާއި، އިންޓަރނޭޝަނަލް މިންގަނޑުން ބަލާއިރުވެސް މި ހަނގުރާމައަކީ ހުރިހާ ގާނޫނުތަކާއި ހިލާފު ހަނގުރާމައެއް ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
“ މި ހަނގުރާމައަކީ ސަރުކާރުން އެއްވެސް ވަރަކަށް ތާއީދުކުރާ ކަމެއް ނޫން. ކަނޑައެޅިގެން ދެކޮޅު ހަދާކަން ބަޔާން ކުރަން“ ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އިޒްރޭލް ނޫން ގައުމެއްގެ ބޭފުޅެއް ރާއްޖެ ވަޑައިގަންނަވާ ކަމުގައި ވާނަމަ ”މޯލްޑިވްސް ފަސްޓް“ ޕޮލިސީގެ ދަށުން އެއީ އެމެރިކާގެ މީހެއް ނަމަވެސް އެފުރުސަތު ރާއްޖެއިން ނުދިނުމަކީ ވަރަށް އައިބުކަމަކަށް ވާނެ ކަމަށާއި އެ ގައުމަކުން ދައްކަން ބޭނުންވާ ވާހަކައެއް އިނގޭނީ އެ ފުރުސަތު ދީ ބައްދަލުކޮށްގެން ކަމަށެވެ.
“ އަދި ބައްދަލެއް ނުކުރަން. ރާއްޖޭގެ އެއްވެސް ވަޒީރަކާއި ވެސް އަދި ބައްދަލެއް ނުކުރޭ. އެހެންވީމަ މިއަދު ބައްދަލުވުމަށް ރިކުއެސްޓް ކޮށްފަ. ބައްދަލުވުމެއް އެބައޮތް. އަދި އަޅުގަނޑާއި ބައްދަލުކުރަންވެސް ރިކުއެސްޓް ކޮށްފަ އެބައޮތް“ ރައީސް ވިދާޅުވިއެވެ.
އެ ބޭފުޅުން ވާހަކަދައްކަވަނީ މި ހަނގުރާމައާއި ބެހޭ ގޮތުންނަމަ އެ ބޭފުޅުންނާއި ދައްކަވާނެ ވާހަކައެއް ނޯންނާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެއްވެސް ހަނގުރާމަ އެއް ކުރަން މި ރާއްޖޭގެ އެއްވެސް ތަނެއް ނުލިބޭނެކަމަށެވެ.
ރައީސް ވިދާޅުވީ އެބޭފުޅާ ދައްކާ ވާހަކަތައް އަޑުއައްސަވާ ދޭން ޖެހޭ ޖަވާބު ދެއްވާނެ ކަމަށާއި، ދުނިޔޭގެ އެއްވެސް މުސްލިމު ގައުމަކަށް ހަމަލާދޭން ރާއްޖެއިން ޖާގަ ނުދޭނެ ކަމަށެވެ.

