އިންތިހާބަކާ ގުޅިގެން މި ސަރުކާރުން އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އަކީވެސް އެފަދައިން އެއްވެސް މަސައްކަތެއް ކުރައްވާ ބޭފުޅެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި އިއްޔެ ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މީގެ ކުރިން ސަރުކާރުގެ މަގާމުތަކަށް އައި ބޭފުޅުން އިންތިހާބުތަކާ ދިމާކޮށް ވަކި ފަރާތްތަކަށް މަސައްކަތްތަކެއް ކޮށްދީފައި އޮތް ނަމަވެސް އެމަނިކުފާނަކީ އެގޮތަށް މަސައްކަތް ކުރައްވާ ބޭފުޅެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅޭ ގޮތުންވެސް އަދި ރާއްޖޭގެ އިގްތިސާދު ސިންދަފާތުކުރުމަށް ވެސް މި ސަރުކާރުން އަޅަނީ ވަރަށް ހަރުދަނާ ފިޔަވަޅުތައް ކަމަށެވެ. ނަމަވެސް މިދިޔަ އެމްޑީޕީ ސަރުކާރުން އެއާ ހިލާފަށް މަސައްކަތް ކޮށްފައިވާކަމަށާއި، ފެނަކަވެސް ހަލާކުކޮށް، މަސްވެރި ސިނާއަތްވެސް ހުއްޓުވާލި ކަމަށް ރައީސް ވިދާޅުވިއެވެ.

އެކަމަށް މިސާލު ނަންގަވަމުން ރައީސް ވިދާޅުވީ ށ. ކޮމަންޑޫ ދާއިރާގެ މަޖިލިސް މެންބަރު ގޮނޑި ހުސްވެގެން ބަޖެޓުން ބޭރުންވެސް 300 އެތައް މިލިއަން ރުފިޔާއެއް އެމްޑީޕީން ހަރަދުކޮށްލި ކަމަށެވެ. އަދި ފެނަކައިގެ މަގާމުތަކަށް އެ ކުންފުނީގެ އެމްޑީ ގޭގެއަށް ވަޑައިގެން، ވަޒީފާތަކަށް މީހުން ނެންގެވި ކަމަށް ރައީސް ވިދާޅުވިއެވެ.

”އެ ސަރުކާރުން ފެނަކަ ހަލާކުކޮށްލީ، ކޮށްލި ކޮށްލީނުން މަސްވެރިކަންވެސް ހަލާކުކޮށްލީ. ހުރިހާ ދޯނިތަކެއްވެސް ހުއްޓުނީ. ދޯނިތަކުގައި މަސައްކަތް ކުރި އެންމެން ދޯނިތަކުން ފައިބާ، ފެނަކައަށް ވަނީ. ފެނަކައިގެ އޮޑިޓް ރިޕޯޓް އެއޮތީ ނުކުމެފައި. އޭގައި އެއޮތީ ކުރި ހުރިހާ ކަމެއް ފެންނަން.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޑީޕީ ސަރުކާރުން އިންތިހާބުތަކާއި ދިމާކޮށް ވަޒީފާތަކަށް އައްޔަންކޮށްފައި ތިބި މީހުން ވަޒީފާއިން ވަކި ނުކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ކަމަށެވެ. އަދި ވަކިވެގެން ގޮސްފައިވާނީ ސިޔާސީ ވަޒީފާތަކުގައި ތިބި ފަރާތްތައް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ އެތައް މަޝްރޫއެއް ކުރިއަށްދާއިރު، އެ މަޝްރޫއުތަކަށް އިސްކަން ދޭން ޖެހޭނެ ކަމަށެވެ. އެހެން ނޫން ނަމަ އެ މަސައްކަތްތައްވެސް ހުއްޓި ކޮންޓްރެކްޓަރުންނާއި ރައްޔިތުންނަށްވެސް ގެއްލުންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ނަގާއިރު، އެއީ ބަޖެޓި ކުރެވިގެން، އެކަމަށް ސްޕޭސް ހުރެގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ އިންތިހާބަކާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”އަޅުގަނޑު މިއީ އިންތިހާބަކާ ގުޅިގެން ކަމެއް ކުރާނެ މީހެއް ނޫން. އަޅުގަނޑު ގޮއްސިންތޯ އެއްވެސް ރަށަކަށް އިންތިހާބާއި ގުޅިގެން ކެމްޕެއިނަށް؟ ގޮއްސީމު؟“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންތިހާބާއި ގުޅިގެން ސަރުކާރުން ވަކި ކަންތައްތަކެއް ކުރާ ކަމަށް ވާހަކަ ދައްކަވާ ބޭފުޅުންނަކީ އަބަދު އެގޮތަށް މަސައްކަތް ކުރެވިފައި ހުރި ފަރާތްތައް ކަމަށެވެ. އެގޮތުން އެބޭފުޅުންނަށް އެފަދަ ވާހަކަތައް ދެކެވެނީ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމަށް ރައްޔިތުންގެ އަރިހަށް ޒިޔާރަތްކޮށް، ރަށްރަށަށްވެސް އެތައް ދަތުރުފުޅެއް ކުރައްވާފައިވާ ކަމަށެވެ. އަދި އޭގެ އެއްވެސް ދަތުރުފުޅަކީ ނުވަތަ ބައްދަލުވުމަކީ އިންތިހާބަކާ ގުޅިގެން ކުރިއަށްގެންދިޔަ ކަމެއް ނޫން ކަމަށާއި އެމަނިކުފާނަކީ އަބަދުވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވާނީވެސް އިންތިހާބަކާ ގުޅިގެން ނޫން ކަމަށެވެ. އަދި މި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށާއި، ރައްޔިތުންނަށް ބޭނުންވާ ވަސީލަތްތައް ފަހިކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ކުރިއަށް އޮތް ތަނުގައިވެސް އިންތިހާބަކާ ގުޅިގެން މި ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.