ރާއްޖޭގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ވައިގެ ސަރަހައްދު ޑިފެންސް މިނިސްޓްރީން ސާފުކޮށްދީފިއެވެ.
އެ މައުލޫމާތު ހިމަނާ ސޯޝަލް މީޑިއާގައި ޕޯސްޓެއްގައި މިނިސްޓްރީން ބުނެފައިވަނީ ގައުމުތަކުގެ ކަނޑުގެ ސަރަހައްދުތައް ކަނޑައެޅިފައިވާ ގޮތާއި، އެ ސަރަހައްދުތަކުގައި ލިބިދޭ އާންމު ހައްގުތަކާއި ޒިންމާތައް ބަޔާންކުރާ ބައިނަލްއަގްވާމީ މުއާހަދާއަކީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯވ އޮފް ދަ ސީ (އަންކްލޯސް) ކަމަށެވެ.
އަދި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި ދިވެހިރާއްޖެއަށް ލިބިދޭ ހައްގުތަކާއި އިހްތިޔާރުތައް ބަޔާންކުރާ ގާނޫނަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނުކަން ފާހަގަކޮށް ޑިފެންސް މިނިސްޓްރީން ބުނީ މި ގާނޫނުގައި ބަޔާންކުރާ ގޮތުން، ދިވެހިރާއްޖޭގެ ބިމާއި ބިމާ ގުޅިފައިވާ ވައިގެ ސަރަހައްދުގެ އިތުރަށް، ދިވެހިރާއްޖޭގެ އެތެރޭ ކަނޑާއި، އާކިޕެލަޖިކް ކަނޑާއި، ސަރަހައްދީ ކަނޑާއި، މި ކަނޑުތަކުގެ އަޑީގައިވާ ފަސްގަނޑާއި، މި ކަނޑުތަކާ ގުޅިފައިވާ ވައިގެ ސަރަހައްދަކީ ދިވެހިރާއްޖޭގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަންތަން ކަމަށެވެ.
އަދި ގައުމުތަކުގެ ވައިގެ ސަރަހައްދުތަކާއި، ވައިގެ ދަތުރުފަތުރުގައި އަމަލުކުރާ މައިގަނޑު އުސޫލުތައް ބަޔާންކުރާ ކޮންވެންޝަން އޮން އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން (ޗިކާގޯ ކޮންވެންޝަން) ގައި ބަޔާންކުރާ ގޮތުން ގައުމުތަކުގެ ސަރަހައްދީ ކަނޑާއި ގުޅިފައިވާ ވައިގެ ސަރަހައްދަކީ އެ ގައުމުގެ ސިޔާދަތީ ބާރު ހިނގާ، އަދި އެ ސަރަހައްދަށް ވަނުމުގެ ކުރިން ހުއްދަ ހޯދަންޖެހޭނެ ސަރަހައްދެއްކަން ޑިފެންސްގެ ޕޯސްޓްގައި ފާހަގަކޮށްފައިވެއެވެ.
އަދި މިއަށްވުރެ ބޭރުގެ ވައިގެ ސަރަހައްދަކީ އިންޓާނޭޝަނަލް އެއާ ސްޕޭސް ކަމުގައި އެ މިނިސްޓްރީން ބުނެފައިވެއެވެ.
އެކި ގައުމުތަކަށް ކަނޑައަޅާފައިވާ ފްލައިޓް އިންފޮމޭޝަން ރީޖަން (އެފްއައިއާރ) ހިމެނޭ ސަރަހައްދުގައި އެއާ ޓްރެފިކް ކޮންޓްރޯލްގެ ހިދުމަތް ފޯރުކޮށްދޭން ޖެހޭއިރު، މި ސަރަހައްދު ކަނޑައެޅިފައިވާ އެންމެ މުހިންމު ބޭނުމަކީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާ ރައްކާތެރިކަން ގާއިމްކޮށްދިނުން ކަން ފާހަގަކޮށް އެމިނިސްޓްރީން ބުނެފައިވަނީ އިންޓާނޭޝަނަލް އެއާސްޕޭސްގެ ތެރޭގައި ހިމެނޭ އެފްއައިއާރ ސަރަހައްދަށް ވަނުމަށް ގައުމެއްގެ ހުއްދަ ހޯދަން ނުޖެހުނު ކަމުގައިވިޔަސް، އެއާ ޓްރެފިކް ކޮންޓްރޯލް ހިދުމަތްތަކުން މިފަދަ ދަތުރުތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށް އަދި ވިލަރެސް ކުރަމުންދާނެ ކަމަށެވެ.

