ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ފެނޭތޯ ބެލުމަށް ނަގާ ވޯޓާ ގުޅިގެން ރަށްރަށަށް ފޮނުވަން ޖެހޭ ތަކެތި ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.
މިކަމާއި ގުޅިގެން އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ ވޯޓްލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ރަށްތަކަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
އަންނަ ހަފްތާގެ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް އިލެކްޝަން ކޮމިޝަނުން މިހާރު އަންނަނީ ކުރަމުން ނެވެ.
މިފަހަރު އިންތިހާބުގައި އިލެކްޝަނުން އާއްމު ކުރި ލިސްޓްގައި ވާގޮތުން ވޯޓްލާ މީހުންގެ ތެރެއިން ވޯޓްލުމުގެ ހައްގު ލިބިފައިވަނީ 294876 މީހުންނަށެވެ.
އޭގެތެރެއިން އަންހެނުންގެ އަދަދަކީ 144506 އަންހެނުންނެވެ. ފިރިހެނުންގެ އަދަދަކީ 150370އެވެ
ފާއިތުވި އިންތިހާބުތަކާއި ހިލާފަށް ކުރިއަށް އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު އޮންނަ އިންތިހާބުގައި ވޯޓްލާން އަންނަ ކޮންމެ މީހެއްގެ އަތަށް 3 ވޯޓް ކަރުދާސް ދޭނެއެވެ.
އެއީ ލޯކަލް ކައުންސިލް އިންތިހާބުގެ މަގާމްތައް ހިމެނޭ ކަރުދާހަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މަގާމްތައް ހިމެނޭ ކަރުދާހެއްގެ އިތުރުން ރިޔާސީ އިންތިހާބައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކީގައި ބާއްވަން ފެނޭތޯ ނަގާ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ކަރުދާހެވެ.
މި ވޯޓް ކަރުދާސް ތައް ހުންނަ ތަރުތީބު ކުރެވިފައިވަނ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ކަރުދާހަށް ބަލާއިރު ރަށްރަށުގެ ކައުންސިލަރުން އިންތިހާބުކުރުމަށް ވޯޓު ކަރުދާހުގައި މައިގަނޑު 3 ބަޔަކަށް ބަހާލާފައި އޮންނާނެއެވެ.
އޭގެ ތެރެއިން ފުރަތަމަ އޮންނާނީ ރަށު ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރާ ކެންޑިޑޭޓުން ހިމެނޭ ބައެވެ. އެއަށްފަހު ދެން އޮންނާނީ ރަށު ކައުންސިލްތަކުގެ އަންހެނުންނަށް ޚާއްސަ ގޮނޑިއަށް ވާދަކުރާ ކެންޑިޑޭޓުންގެ ބައެވެ.
އެއަށްފަހު ކައުންސިލްގެ އާންމު މެންބަރުންނަށް ވާދަ ކުރާ ކެންޑިޑޭޓުންގެ ބައި އެ ވޯޓު ކަރުދާހުގައި ހިމަނާފައި އޮންނާނެއެވެ.
މީގެ އިތުރުން ވޯޓް ބާތިލް ވާނެ ގޮތް ތަކަށް ބަލާލާއިރު ފެންނަ ކެންޑިޑޭޓުގެ ނަމާ ދިމާލުގައި ހެޔޮފާހަގަ ޖެހުމުގެ އިތުރުން ވޯޓު ކަރުދާހުގައި އިތުރު ކުރެހުމެއް ނިޝާނެއް ނުވަތަ އެއްވެސް އެއްޗެއް ލިޔެފިނަމަ އެ ވޯޓު ކަރުދާސް ބާތިލުވާނެއެވެ.
އަދި ކައުންސިލް އިންތިހާބުގައި ރައީސް އިންތިހާބުކުރުމުގެ ބައިގައި އެކަކު ހޮވަން ޖެހޭއިރު 2 މީހަކާ ދިމާލުގައި ހެޔޮ ފާހަގަ ޖަހާފިނަމަ އެ ވޯޓްކަރުދާހުގައި ބާތިލް ވަނީ ހަމަ އެކަނި ރައީސް ކަމަށާއި ދެން ހުރި ބައިތައް ރަނަގޅު ނަމަ އެ ވޯޓްކަރުދާހުގެ އެބައިތައް ބާތިލް ނުވާނެއެވެ.

