އައްޑޫ އަތޮވެރިކަމުގެ މަގާމާ އެކު ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އަހުމަދު ސޯލިހު އަލިދީދީ އަވަހާރަވުމުގެ ހިތާމައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަހުމަދު ސޯލިހު އަވަހާރަވުމުގެ ހިތާމައިގައި، އައްޑޫގެ ރައްޔިތުންނަށާއި އެ އާއިލާއަށް ނުހަނު އިހުލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވާ ކަމަށެވެ.
ސޯލިހު އަލިދީދީ އަވަހާރަވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް އޭއީއެޗް) ގައެވެ. އަވަހާރަވި އިރު އުމުރަކީ 92އެވެ.
ސޯލިހު އަލިދީދީގެ ޖަނާޒާ ބާއްވަން ހަމަޖެހިފައި ވަނީ މިރޭގެ އިޝާ ނަމާދަށް ފަހު ހިތަދޫ ހުސައިން މޫސާ މިސްކިތުގައެވެ. މޫނު ދެއްކުން އާއިލާގެ ފަރާތުން ކުރިއަށް ގެންދަން ނިންމާފައި ވަނީ ފެހިވިލާގޭގައި މެންދުރު ފަހު 2:00 އިން ފެށިގެން އިރުއޮއްސި 8:30 އާ ހަމައަށެވެ.
ސޯލިހު އަލިދީދީ ވަނީ ދައުލަތަށް 45 އަހަރު ހިދުމަތް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި އަތޮޅުވެރިކަމާއޮ ހިތަދޫ ކަތީބުކަމާއިއައްޑު އަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަން ވެސް ހިމެނެއެވެ. އަދި ގަން އެއާޕޯޓުގެ މެނޭޖަރުކަމާއި ގަމުގެ އެސްޓީއޯގެ މެނޭޖަރުކަމާއި ހިތަދޫގެ ސްޓެލްކޯގެ މެނޭޖަރުކަމާއި ޑެޕިއުޓީ މެނޭޖަރުކަން އަހުމަދު ސޯލިހު އަލިދީދީ ކުރެއްވިއެވެ.
އޭނާ ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ 1965 ގައެވެ. އަދި ރިޓަޔަރ ކުރެއްވީ 2009 ގައެވެ.

