ދުނިޔޭގައި ހަނގުރާމަ ހިނގަމުންދާ މި ދަނޑިވަޅުގައިވެސް، އެ ހަނގުރާމައިގެ ސަބަބުން ރާއްޖެ އަށް ކުރާ އަސަރުތައް ރައްޔިތުންނަށް އިހުސާސްވާ މިންވަރު ކުޑަކުރެއްވުމަށްވެސް، އިހުލާސްތެރިކަމާއި، ހިކުމަތްތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަސައްކަތްޕުޅުކުރައްވާ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ގދ. ފަރެސްމާތޮޑާގެ ބިންހިއްކުމާއި، ދޯނި އެހެލާ ސަރަޙައްދު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ސަރުކާރުގެ ޅަފަތުގައި ކުރިމަތިލައްވަންޖެހިވަޑައިގެންނެވި ގޮންޖެހުންތަކާ އެކުގައިވެސް، ރައްޔިތުންގެ ޒަރޫރީ ބޭނުންތަކުގެ އިތުރަށް، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތައް، އަދި ކުރިއަށް އޮތް ޖީލުތަކަށް އޭގެ ފައިދާ ކުރާނޭ މަޝްރޫއުތައް، ހިކުމަތްތެރިކަމާއި، ދުރުވިސްނުންފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ތަންފީޒުކުރައްވަމުންގެންދެވިކަން، ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސަރުކާރުތަކުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމުގައި ރައްޔިތުންގެ މަޖިލީހުން އަދާކުރާ ދައުރުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

އެގޮތުން، ކުރީ ސަރުކާރުން އޭރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރި އިރު އޮތީ، އޭރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދިޔަ ޕާޓީއެއްގެ އަޣުލަބިއްޔަތު އޮތް މަޖިލީހެއްކަން ހަނދާންކޮށްދެއްވައި، އެ މަޖިލީހުން، އެ ސަރުކާރުން އެދުނު ބަޖެޓު ފާސްކޮށްދީ، އެ މަޖިލީހުގެ މެންބަރުންގެ ތަހުޒީބުކަން ދައްކުވައިދިންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.